ޓިކްޓޮކްގައި މަޝްހޫރުކަން ހޯދައި، އާންމުންގެ މެދުގައި މަގުބޫލުވެ، ލޯބި ލިބިފައިވާ ދިވެހިން ވެސް މިއަދު މަދެއް ނޫނެވެ. އޭގެ ތެރެއިން އެއް ބަޔަކު ފިލްމީ ދާއިރާއަށް ނިކުމެ ދާއިރާގައި ފިޔަޖަހަމުން އަންނައިރު، އާންމުންގެ ލޯތްބާއެކު ޓިކްޓޮކްގެ ދުނިޔޭގައި ފިޔަޖަހަމުންދާ ތަރިން ވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ޓިކްޓޮކްގައި ދެވަނައެއް ނެތް، އަދި ނަން ބުނުމުން އިތުރު ސުވާލެއް ވެސް ނުއުފެދޭނެ ފާތިމަތު ރޫމާ ނުވަތަ މަޝްހޫރު ނަމުން ނަމަ "ޕްރިޓީ ރޫމީ" އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ.
ރާއްޖެ ޓީވީގެ ދަންބައި ޕްރޮގްރާމުގައި ރޫމީ އޭނަގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބެލުންތެރިންނާ ހިއްސާކޮށްފައިވާއިރު އޭނާގެ ޒާތީ ދިރިއުޅުމުން ފެށިގެން ފިލްމީ ދާއިރާއާއި ޓިކްޓޮކް ދުނިޔެއާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވެސް ކިޔައިދިނެވެ. ޒާތީ ދިރިއުޅުމުގެ ވާހަކައިގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު ޝައުގެއް އޮތް އެއް ކަމަކަށްވީ ރޫމީގެ އުމުރު އެނގުމެވެ. އާންމު ގޮތެއްގައި ޒުވާނުން ފެންނަ ޕްލެޓްފޯމެއްގައި ޒުވާނުންނަށް ވުރެ ވަކި އެންމެ ތަންކޮޅެއް ވެސް ދެރަނުވެ ރޫމީ ކުރިއަރަމުން އަންނާތީ ކަމަށް ވެސް ވެދާނެއެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރާ ސުވާލުތަކުގެ ތެރެއިން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދާއި ރޫމީގެ އުމުރުގެ ތަފާތު އަހާލުމުން ޖަވާބު ވަރަށް ވެސް ސާފެވެ. ޅަ އީ ރޫމީއެވެ. މާ ބޮޑު ފަރަގެއް ނެތަސް ވެސް ދެ ފަންނާނުންގެ ތެރެއިން އުމުރުން ހަގީ ރޫމީއެވެ.
އުމުރުން 40 އަހަރުގެ ރޫމީ މިހާތަނަށް ދެ ކައިވެންޏެއްކޮށް ތިން ދަރިން ވަނީ ލިބިފައެވެ. މި ހުރިހާ ކުދިން ވެސް މިހާރު ތިބީ ބޮޑެތިވެފައެވެ. ދެ އަންހެން ދަރިންނާއި ފިރިހެން ކުއްޖަކު ހުރި ރޫމީ އަކީ މިހާރު މާމައެކެވެ. މާމަ ކިޔާ ތިން ދަރިން ތިބި އިރު، އޭނާއަށް އެންމެ ފުރަތަމަ މާމަ ކިޔާފައިވަނީ އޭނާގެ އުމުރުން 35 އަހަރުގައެވެ.
ރޫމީގެ ފުރަތަމަ ފެނިލުން: މަސްލަހަތު ނެތް އަނބިން
ރޫމީ ޓިކްޓޮކް ދުނިޔެއަށް ނިކުތްތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އޭނާ އަކީ މީގެ 35 އަހަރު ކުރިން ވެސް ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ދޮހޮއްކޮބޭގެ މަޝްހޫރު ލަވަ މަސްލަހަތު ނެތް އަނބިންގެ ވީޑިއޯ ލަވަ މީގެ 35 އަހަރު ކުދިން ހެދި އިރު އެ ލަވައިގައި ދައްކާ މަސްލަހަތު ނެތް އަތްބަކީ ރޫމީއެވެ. އުމުރުން އެންމެ 15 އަހަރުގައި ފިލްމީ ދާއިރާގައި ފުންނާބު އުސް ޑައިރެކްޓަރ އަމްޖޭގެ އެދުމަކަށް ކުޅުނު އެ ލަވަ ވެގެންދިޔައީ ރޫމީގެ ފެށުމަށެވެ. ކުޑަ އިރުން ސުރެ ވެސް އެކަމަށް ޝައުގުހުރި ރޫމީ އޭގެ ފަހުން ވެސް ދެތިން ލަވައަކުން ފެނިފައިވެއެވެ. އޭނާގެ އެ ހުވަފެނުގައި ކުލަ ޖައްސައިދިން ކަމަށްޓަކާ އަމްޖޭއަށް އޭނާގެ ހިތް އޮތީ ޝުކުރުން ފުރިފައެވެ.
ގޭގަ އެއްދުވަހު ހުއްޓާ އަމްޖަދު އައިސްފަ ބުނީ ލަވައެއް ކުޅެދެވިދާނެ ހެއްޔޭ. ދެން އަހަރެން ވަރަށް ކޫޅޭ ހިތްވާ އެއްޗެއްވީމަ ބުނީ އާނ އެކޭ. އެކަމަކު އަސްލު އެހާ އުންމީދެއް ވެސް ނުކުރަން އެކަން ވާނެ ކަމަކަށް. އެކަމަކު އާނއެކޭ ބުނެވުނީމަ ހަމަ އޭނަ ބުނިގޮތަށް ކުޅެފަ ހުންނާނީ.ރޫމީ
ދެން އޮތީ ޓިކްޓޮކް ދުނިޔޭގެ ވާހަކައެވެ. ދެތިން ލަވައަކުން ފެނިލުމަށް ފަހު ދެން ރޫމީ ފެނުނީ ޓިކްޓޮކްގެ ދުނިޔެއިންނެވެ. ޓިކްޓޮކްގައި އާންމުކޮށް މީހުން ނަށާ ލަވަތަކާއި ވީޑިއޯތައް ދެއްކި ނަމަވެސް ރޫމީގެ އެކައުންޓް އެއްކޮޅުން އަނެއްކޮޅަށް ބަލާއިރު ވެސް ނަށާ ލަވަތަކެއް މާގިނައެއްކޮށް ނުފެނެއެވެ. ނެށުމާ މާ ދޯޅުނުވިޔަސް ބޮޑުބެރު ލަވައެއް އަޑު އިވިއްޖެއްނަމަ ހަމަ ނަށައި ނުލައި ނީދެވޭ ކަމަށް ރޫމީ ބުނެއެވެ. ފިލްމީ ދާއިރާގައި ކުރި މަސައްކަތަކުން މާބޮޑު ކުރިއެރުމެއް ނުލިބުނަސް ވެސް މިއަދު ރޫމީ އަކީ ފިލްމީ ތަރިއަކަށް ވުރެ ހަމަ ތަންކޮޅެއް ވެސް ދެރަ ތަރިއެއް ނޫނެވެ. ހުނަރުގެ ގޮތުން ބެލިޔަސް، މަޝްހޫރުކަމާއި، އާންމުންގެ ލޯބި ލިބޭ ވަރަށް ބެލިޔަސް ރޫމީއާ އަޅާކިޔޭނެ ވަކި އިތުރު ފަންނާނެއް ނުއުޅޭނެޔޭ ވެސް ދެންނެވިދާނެއެވެ. ޓިކްޓޮކްގެ ދުނިޔެއަކީ މިހާރު ރޫމީގެ ހާއްސަ ކަމެވެ. އެންމެނަށް ވެސް އެއީ މަޝްހޫރު ޓިކްޓޮކް ތަރި ޕްރިޓީ ރޫމީއެވެ.
މިކަމުގެ ތެރެއަށް ވެސް އޭނާ ނުކުތީ ޝައުގު ހުރެއްޖެ ނަމަ މިއީ ވަކި އުމުރެއް އޮތް ކަމެއް ކަމަށް ގަބޫލުނުކުރާތީއެވެ. ޒުވާނުން ނިކުމެ އުޅޭ ޕްލެޓްފޯމެއްގައި ހަމަ އެ ޒުވާނުންނާ އެކު ނިކުމެ ހުނަރުވެރިކަން ދައްކަމުންދާއިރު، ޓިކްޓޮކްގައި މިހާރު އެންމެ ކާމިޔާބު އެކަކީ ރޫމީއޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ.