ކ. މާލެ
|
2 މެއި 2021 | އާދީއްތަ 04:09
ޕީއެސްޖީ އާއި ލެންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ޕީއެސްޖީ އާއި ލެންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޕީއެސްޖީން ލިލްއާ އެއް ޕޮއިންޓް ގާތަށް
 
ލެންސް އަތުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 75 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެންސް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ލިލްއާ އެއް ޕޮއިންޓް ގާތަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. މި މެޗު ފަށައިގެން ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ތަރި ނޭމާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން އިތުބާރު ފޯވާޑް މައުރޯ އިކާޑީއަށްވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލީޑު ނަގައިފައެވެ. ޖޫލިއަން ޑްރެކްސެލާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ނޭމާ ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ލެންސްއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިގްނޭޝިއަސް ގަނަގޯއެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 35 މެޗުން ލިބުނު 75 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ލެންސް އޮތީ ތާވަލުގެ ފަސްވަނައިގައި 35 މެޗުން 56 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް