އިންޑިޔާގައި ވެކްސިން އުފައްދާ މައި ކުންފުނިކަމުގައިވާ ސެރަމް އިންސްޓިޓިއުޓުން އިންޑިޔާގެ ބޭރު ގައުމުތަކުގައި ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޑަރް ޕޫނަވާލާ ވިދާޅުވެއްޖެއެވެ.
ސެރަމް އިންސްޓިޓިއުޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވެކްސިން އުފެއްދުމަށް އެކުންފުންޏަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ދަ ޓައިމްސްއާ ވާހަކަދައްކަވަމުން ޕޫނަވާލާ ވިދާޅުވީ ކުރިޔަށް އޮތް ދެތިން ދުވަސްތެރޭގައި އެކަމުގެ ތަފްސީލުތައް އިއުލާންކުރާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ޕޫނަވާލާ ވިދާޅުވީ ޖުލައި މަހާ ހިސާބަށް އަންނައިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެކަމަށެވެ. ކުރިން ސެރަމް އިންސްޓިޓިއުޓުން ބުނެފައިވަނީ މެއި މަސް ނިމެންވާއިރު 100 މިލިއަން ޑޯޒް އުފައްދާނެކަމަށެވެ.
ސެރަމް އިންސްޓިޓިއުޓުން މަސައްކަތްކުރަމުން އަންނަނީ ކުރިޔަށް އޮތް ހަ މަސްދުވަސްތެރޭގައި އަހަރެއްގެ މައްޗަށް މިހާރު އުފައްދަމުން އަންނަ 2.5 ބިލިއަން ޑޯޒުން 3 ބިލިއަން ޑޯޒް އުފެއްދުމުގެ ކެޕޭސިޓީ ގާއިމުކުރާށެވެ. ޕޫނަވާލާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ސެރަމް އިންސްޓިޓިއުޓަކީ އެސްޓްރަޒެނިކާ ކޮވިޑް ވެކްސިން އިންޑިޔާގައި އުފައްދަމުން އަންނަ ކުންފުންޏެވެ.
ކޮވިޑް-19 އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު އިންޑިޔާގެ ގިނަ ސްޓޭޓްތަކެއްގައި ވަނީ ވެކްސިނަށް ޖެހިފައެވެ. ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ އިންޑިޔާގައި ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް އަންނަނީ ވައިރަސް ޖެހެމުންނެވެ.
އިންޑިޔާގައި އަތްނުފޯރާ ހިސާބަށް ކޭސްތައް ފެންނަން ފެށުމުން އެގައުމުގެ ސަރުކާރުން ވަނީ އޮކްސިޖަނާއި ބޭހާއި ސިއްހީ އެހެނިހެން ސާމާނުގެ އެހީތެރިކަމަށް ބޭރު ގައުމުތަކުގެ ކިބައިން އެދިފައެވެ.
އިންޑިޔާ ސަރުކާރަށް ލަފާދޭ ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ އިންޑިޔާ ޕީކަށް ދާނެކަމަށް މިހާރު ބެލެވެނީ މެއި މަހުގެ 3 އާއި 5އާ ދެމެދުގައި ކަމަށެވެ.