އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީން މުބާރާތުން ވަކިވާން ނިންމުމުން، އީގަލްސްއަށް ޕްލޭއޮފުގެ ޖާގައެއް ލިބިއްޖެއެވެ.
ހުކުރު ދުވަހު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުން އަބަހާނީ ވަކިވާން ނިންމި ކަމަށް ގަބޫލުކުރެވެނީ ކޮވިޑް-19 އާ ހެދި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށްފަހު، ބަންގްލަދޭޝް ފުރަބަންދުގައި އޮތުމާއި، ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާއިރު، ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް އެ ޓީމަށް ނެތުން ކަމަށެވެ.
އެއާއެކު ޕްލޭއޮފަށް އީގަލްސް ދަތުރުކުރިއިރު، ޕްލޭއޮފުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. އަންނަ މެއި މަހުގެ 11 ވަނަ ދުވަހު މާލޭގައި އެ މެޗު ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެއެވެ.
މި ފަހަރުގެ ކޮލިފައިން ބުރުން އަބަހާނީ ވަކިވިއިރު، މީގެ ކުރިން އޭއެފްސީން ވަނީ އަބަހާނީ އާއި އީގަލްސްގެ މެޗު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން މެޗު އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ބަންގްލަދޭޝް ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު އެ ގައުމުގައި ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން މި މަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި މި މެޗު ކުޅެން އޭއެފްސީން ފަހުން ނިންމި ނަމަވެސް، ބަންގްލަދޭޝްއިން ވައިގެ ދަތުރުތައް ހުއްޓާލުމުން އަނެއްކާވެސް މެޗު ފަސްކުރިއެވެ.
ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. އޭއެފްސީން ވަނީ ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސެންޓްރަލައިޒްކޮށްގެން ކުޅުމަށް ނިންމާފައެވެ.