ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ މާފުށީގައި ކޮވިޑް-19 ފެތުރެމުންދާތީ ރައީސް ޔާމީން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ގެއަށް ބަދަލުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށާއި، އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނަމުންދިޔަ ނަމަވެސް އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާހާ ހިނދެއްގައި ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިކަމުގައިވާނަމައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމާނާކޮށްފައެވެ.
ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލަން ވަނީ ތައްޔާރުވެފައެވެ.