މި އަހަރުގެ އޭއެސް/އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އައިއޭއެލް ފިޒިކްސް ޔުނިޓް 1 ކަރުދާސް ލީކް ވީކަމަށް ލިބުނު މައުލޫމާތާއެކު އެކަން ބަލާފައިވާ ކަމަށެވެ. އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގައި ކުރިޔަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލެ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާ އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ. ނަމަވެސް އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެ ވެސް ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށާއި، މިމައުލޫމާތާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ޕޭޕަރެއް ލީކުވެފައިނުވި ނަމަވެސް އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ އޭއެސް/އޭލެވެލްގެ ޕޭޕަރުތައް ވެބްސައިޓަކުން ލިބޭ ކަމަށާއި، ޕޭޕަރުތައް ބައެއް ދަރިވަރުން ގެންގުޅޭ ކަމަށެވެ. އަދި މި ޕޭޕަރުތަކުގެ ކޮޕީ އެކި ވައިބަރ ގުރޫޕްތަކާއި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ދައުރުވަމުންދާ ކަމަށެވެ.
ޕޭޕަރުރައް ލީކުވެފައި މިވަނީ ފިޒިކްސް ޔުނިޓް-1 ޕޭޕަރު ލީކުވެ އެމައްސަލަ ބަލަމުންދަނިކޮށްށެވެ. ފިޒިކްސް ޔުނިޓް-1ގެ އިމްތިހާނު އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގައެވެ. ނަމަވެސް އެ ސުވާލު ކަރުދާސް ބުރާސްފަތި ދުވަހުގެ ހެނދުނުބް ފަށައިގެން އަންނަނީ ދައުރުވަމުންނެވެ.