ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 19:54
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ޔާމީނު ގޭބަންދަށް ބަދަލުކުރުން
ކޮވިޑް ފެތުރެމުންދާތީ ރައީސް ޔާމީނު ގޭ ބަންދަށް ބަދަލުކޮށްފި

މާފުށީގައި ކޮވިޑް-19 ފެތުރެމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކޮށްފައިވާކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނު ރޯދައަށް ގެއަށް ބަދަލުކޮށް ދިނުމަށް އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން އެދިފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ރައީސް ސާލިހު ވިދާޅުވެފައިވަނީ ޔާމީނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނާއެކުވެސް ބައްދަލުކުރައްވާފައިވާކަމަށެވެ. މިކަމުގައި ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ރައީސް ޔާމީނަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމާނާކޮށްފައެވެ.

ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލަން ވަނީ ތައްޔާރުވެފައެވެ.

- ކޮމެންޓް