ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ބުދަ ދުވަހު ދެވަނަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ އައިޖީއެމްއެޗްގެ ޑީއެޗް-11 ގައި ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ 8:44 ހާއިރުއެވެ. އެއީ ރާއްޖޭގައި މި ބަލީގައި މަރުވި 73ވަނަ މީހާއެވެ.
ބުދަ ދުވަހު ރާއްޖެއިން އެންމެ ފުރަތަމަ މަރުވީ ތ. ކިނބިދޫ އަށް ނިސްބަތްވާ އުމުރުން 85 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވެފައި ވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ 73ށް އަރާފައިވާއިރު ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ބުދަ ދުވަހު ވެސް ރާއްޖެއިން ވަނީ 400ށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައެވެ.