އަންގާރަ ދުވަހު 4803 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު ރާއްޖެއިން 4803 މީހުން ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 840 މީހުން ޖަހާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 383 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 457 މީހުންނެވެ. އަންގާރަ ދުވަހު 3963 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާއިރު އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1417 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 2546 މީހުންނެވެ.
މިއާއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 294،269ށް އަރައިފައެވެ. އޭގެ ތެރެއިން 92،612މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާއިރު ދެވަނަ ޑޯޒު ޖަހަން ފަށާފައި ވަނީ މި މަހު ކުރީކޮޅުއެވެ. ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް ވެކްސިންއާއި ސިނޮފަރމް ވެކްސިންގެއެވެ. ދެވަނަ ޑޯޒުޖަހަން ފެށުމާއެކު ވެކްސިން ކިއުތަކުގައި މައްސަލަ ދިމާވެ އެކަމުގެ ރަނގަޅު އުސޫލެއް ނެތި ކަންބޮޑުވުންތައް އިތުރުވެފައިވާތީ އެކަން ހައްލުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިހާރު ރާއްޖޭގައި ޖުމްލަ ތިން ވެކްސިނެއް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން މިވަގުތު އާންމުންނަށް ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފަރމްގެ އެކަންޏެވެ. އަދި ފައިޒާ ވެކްސިން ދެނީ ވަކި ޚާއްސަ ހާލަތެއްގައި ތިބޭ މީހުންނަށެވެ. މިހާރު ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް އަދި ސިނޮފާމްގެއެވެ.
ހަލުހިކަމާއެކު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދެވުމާއެކު ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އަދި ކޮންމެ ރަށެއްގެ 60 އިންސައްތަ އާބާދީއަށް ވެކްސިން ދެވުމާއެކު އެރަށަކަށް ކަރަންޓީނުވުމާއި ނުލައި ދަތުރު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.