ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 14:37
ބަޔާނުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ހޫލިއަން ނާގަލްސްމަން
ބަޔާނުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ހޫލިއަން ނާގަލްސްމަން
ގެޓީ އިމޭޖަސް
ނާގަލްސްމަން ބަޔާނާ ހަވާލުވުން
އަންނަ ސީޒަނުގައި ބަޔާނުގެ ކޯޗަކަށް ނާގަލްސްމަން
 
މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ފްލިކް ވަނީ ނިންމާފައި
 
ނާގަލްސްމަން ވަނީ ބަޔާނާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އަންނަ ސީޒަނުން ފެށިގެން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ކޯޗުގެ މަގާމަށް އާރްބީ ލައިޕްޒީގުގައި ހުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ބަޔާނުން ވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނާގަލްސްމަން އެ ޓީމާ ހަވާލުވާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި އަންނަ ސީޒަނުގައި ބަޔާނުގެ ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސިއިރު، އެ ޓީމާއެކު ނާގަލްސްމަން ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެހެންކަމުން 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ނާގަލްސްމަން ބަޔާނަށް އިރުޝާދުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ ސީޒަނުގައި ބަޔާނުގެ ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސީ، މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން އުމުރުން 56 އަހަރުގެ ހަންސީ ފްލިކް ނިންމުމުންނެވެ. ބަޔާނާއެކު ފްލިކް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެކަމަކު ބަޔާނުން ބުނީ ފްލިކުގެ އެދުމުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އޭނާގެ އެއްބަސްވުން އުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ.

އަންނަ ސީޒަނުން ފެށިގެން ނާގަލްސްމަން ބަޔާނާ ހަވާލުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ލައިޕްޒީގާއެކު ނާގަލްސްމަން ހަދާފައިވާ އެއްބަސްވުން އުވާލަން ބަޔާނުން ވަނީ 26 މިލިއަން ޕަޔަންޑުގެ ފީއެއް ދައްކާފައެވެ. އެހެންކަމުން މިއީ މިހާތަނަށް ކޯޗެއްގެ އެއްބަސްވުން އުވާލަން ފުޓްބޯޅަ ކުލަބަކުން ދެއްކި އެންމެ ބޮޑު ފީއެވެ.

މިހާރު އުމުރުން 33 އަހަރުގެ ނާގަލްސްމަން ރަސްމީކޮށް ކޯޗިންގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު ހޮފެންހައިމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އަދި 2015 ވަނަ އަހަރު އޭނާ ވަނީ އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެއަށްފަހު ނާގަލްސްމަން ލައިޕްޒިގާ ހަވާލުވީ 2019 ވަނަ އަހަރެވެ. އެ ޓީމު ގޮވައިގެން މިދިޔަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ނާގަލްސްމަން ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް