ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 13:05
މިދިޔަ ޖެނުއަރީ މަހު އޮތް ސަރަހައްދީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގަތަރުގެ އަމީރު ސައުދީއަށް ވަޑައިގެންނެވި
މިދިޔަ ޖެނުއަރީ މަހު އޮތް ސަރަހައްދީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގަތަރުގެ އަމީރު ސައުދީއަށް ވަޑައިގެންނެވި
އަލްޖަޒީރާ
ސައުދީގެ ދައުވަތު ގަތަރުގެ އަމީރަށް
ސައުދީ ރަސްގެފާނުގެ ދައުވަތު ޤަތަރުގެ އަމީރަށް
ދައުވަތު ގަތަރުގެ އަމީރު ގަބޫލްކުރެއްވިކަމަށް އަދި ވިދާޅެއްނުވޭ
ސައުދީ އަރަބިއްޔާ އާއި ގަތަރުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ވަނަ އަހަރު

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ސާނީއަށް ސައުދީއަށް ވަޑައިގަތުމުގެ ދައުވަތު އަރުވައިފިއެވެ.

މި ދައުވަތު ގަތަރުގެ އަމީރު ގަބޫލްކުރެއްވިކަމަށް އަދި ވިދާޅެއްނުވެއެވެ.

މިއީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން އެރުވި ދައުވަތެއް ކަމަށް ބެލެވެއެވެ. ސައުދީ އަރަބިއްޔާ އާއި ގަތަރުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ގައެވެ. ސައުދީން ގަތަރާއެކު ގުޅުން ކަނޑާލީ، އީރާނާއެކު ގާތް ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަކު ގަތަރުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ މައްސަލާގައި ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރުން ވެސް ގަތަރާ އޮތް ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުން ކަނޑާލައި، އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އެހެންނަމަވެސް މިދިޔަ ޖެނުއަރީ މަހު އެ ގައުމުތަކުން ބުނެފައިވަނީ އަލުން ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

މިދިޔަ ޖެނުއަރީ މަހު އޮތް ސަރަހައްދީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ގަތަރުގެ އަމީރު އެ ގައުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެ ފަހަރު ރަސްގެފާނާ ބައްދަލުކުރައްވާފައެއް ނުވެއެވެ.

ގަތަރާ ސައުދީގެ ގުޅުން ރަނގަޅުކުރުމުގެ މަޝްވަރާތަކެއް މީގެކުރިން ދޯހާގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ގަލްފު ގައުމުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމާ ބެހޭ މަޝްވަރާތައްވެސް ހިމެނެއެވެ. ވައިގެ ދަތުރުތަކާއި އެއްގަމު ދަތުުރުތައް އާއްމު ހާލަތަށް ގެނައުމަށް ވެސް މަޝްވަރާ ކޮށްފައިވެއެވެ.

- ކޮމެންޓް