ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 00:17
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް
ރާއްޖެއެމްވީ
ސައިޓް އިންޖިނިއަރުން ހޯދުމުގެ ދަތިކަން
ރަށްރަށުގައި މަސައްކަތްކުރާނެ ފެންވަރު ރަނގަޅު ސައިޓް އިންޖީނިއަރުންނެއް ނުލިބޭ: ޝާހް
 
އެމްޑަބްލިއުއެސްސީން ބޭނުންވަނީ ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށް މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުން
 
ޝާހް ވިދާޅުވީ އެ ދާއިރާއިން ތަޖުރިބާކާރު ބިދޭސީން ލިބުމުގައިވެސް ދަތިތަކާއި ކުރިމަތިލާންޖެހިފައި ވާކަމަށް
 
މީހުން ލިބުމަށް ހުރި ދަތިތަކާއިއެކުވެސް އެ މިންގަނޑު އެގޮތުގައި ހިފަހައްޓާފައިވަނީ، ކުންފުނީގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް ޝާހް ވިދާޅުވި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މަޝްރޫއުތަކުގައި މަސައްކަތްކޮށްދޭނެ ފެންވަރު ރަނގަޅު ސައިޓް އިންޖީނިއަރުން ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ މަޝްރޫއުތައް ކުރިއަށްގެންދާ ކޮންމެ ރަށަކުން، އެ ކުންފުނީގެ ފަރާތުން ފަހަކާއި 10 އަކާއި ދެމެދުގެ އަދަދަކަށް މުވައްޒަފުން ނަގާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ސައިޓް އިންޖީނިއަރެއް ހުރުން ލާޒިމްކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން ބޭނުންވާ ފެންވަރުގެ ސައިޓް އިންޖީނިއަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަމަށް ޝާހް ވިދާޅުވިއެވެ.

ސައިޓް އިންޖީނިއަރުންގެ ގޮތުގައި އެމްޑަބްލިއުއެސްސީން ބޭނުންވަނީ ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށް މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި އެ ފަސް އަހަރުގެ ތަޖުރިބާގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ޚާއްސަކޮށް ފެނާއި ނަރުދަމާގެ ދާއިރާއިން ތަޖުރިބާ ލިބިފައިހުރި މީހަކަށް ވާންޖެހެއެވެ.

މި މަގާމަށް މީހުން ހޯދުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީން ގަބޫލުކުރާ ފެންވަރުގެ ގާބިލުކަން ހުރި ދިވެހިން ރާއްޖޭގައި ނެތްއިރު، އެ ދާއިރާއިން ތަޖުރިބާކާރު ބިދޭސީން ލިބުމުގައިވެސް ދަތިތަކާއި ކުރިމަތިލާންޖެހިފައި ވާކަމަށެވެ. އަދި އެއީ ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުންކަމަށް ޝާހް ފާހަގަކުރެއްވިއެވެ.

ޝާހް ވިދާޅުވީ، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ކިޔަވައިނިމި ތަޖުރިބާ ލިބިފައިވާ މީހުން ލިބުމުގެ ދަތިކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި ހޯމަ ދުވަހު ހިއްސާކުރައްވާފައި ވާކަމަށެވެ. އެކަމަކު އެމްޑަބްލިއުއެސްސީން ބޭނުންވާ ފެންވަރުގެ ތަޖުރިބާހުރި މީހުން މިދާއިރާއިން ނުލިބޭނެތީ، އެ ކުންފުނިން ސައިޓް އިންޖީނިއަރުން ނެގުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ދަށް ކުރުމަށް، މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށް ޝާހު ވިދާޅުވިއެވެ.  

ގާބިލުކަންހުރި މީހުން ލިބުމަށް ހުރި ދަތިތަކާއިއެކުވެސް އެ މިންގަނޑު އެގޮތުގައި ހިފަހައްޓާފައިވަނީ، ކުންފުނީގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށްކަމަށް ޝާހް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް