އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ވެރޯނާ ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް އިންޓަ މިލާން ޖެހިލިއިރު، ފިއޮރެންޓީނާއާ އެއްވަރުވެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށް ގަދަ ހަތަރެއްގައި ލީގު ނިންމާލުމަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ލީޑު ނަގަން އިންޓަގެ އަޝްރަފް ހަކީމީއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ވެރޯނާގެ ފެޑެރީކޯ ޑިމާކޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އިންޓައިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ލަޓާރޯ މާޓިނޭޒަށް ވަނީ މި ހާފުގައި ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން އިންޓަގެ ހަކީމީ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި ނަމަވެސް، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހަކީމީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޑާމިއަންނެވެ.
މި މޮޅާއެކު އިންޓައިން ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި ލީގުގައި ބާކީ އޮތް ފަސް މެޗުން ލީގު ކަށަަވަރުކުރަން އިންޓައަށް ބޭނުންވަނީ ހަ ޕޮއިންޓެވެ.
މި މެޗުން މޮޅުވެ ލީގު ހޯދުމާ ގާތަށް އިންޓަ ޖެހިލިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް ވަނީ ފިއޮރެންޓީނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ލިބުނު ޕެންލޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޫސާން ވްލަހޯވިޗެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ އޭޑްރިއަން ރަބިއޮޓުގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. މި މެޗުން ޔުވެންޓަސް ސަލާމަތްވީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ކުޅުނު 33 މެޗުން ލިބުނު 79 ޕޮއިންޓާއެކުއެވެ. ލީގުގައި އާދީއްތަ ދުވަހުގެރޭ ބޮލޯނިއާ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ދެވަނައަށް އެޓަލަންޓާ ޖެހިލިއިރު، އެ ޓީމަށް ވަނީ 33 މެޗުން 68 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް އޭސީ މިލާނާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސްއަށް 66 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ހޯމަ ދުވަހުގެރޭ ލާޒިއޯ އަތުން މޮޅުވެއްޖެނަމަ މިލާނަށް އަލުން ދެވަނައަށް އެރޭނެއެވެ.