މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް"ގެ ޓީޒާ ރިލީޒް ކުރުމާއެކު އެއީ ހޮލީވުޑްގެ ފިލްމެއްކަމަށްވާ "ލިޓްލް ބޯއީ" ގެ ކޮޕީ ފިލްމެއްކަމަށް ބުނަން ފަށައިފިއެވެ.
"ޓިއުބް ލައިޓަކީ" ކޮޕީ ފިލްމެއްކަމަށް ބުނާ މީހުން ބުނަނީ ފިލްމުގެ ޓީޒާގައި ކަބީރު ޚާން ވަނީ މި ފިލްމުގެ ވާހަކަ ހިމަނާފާކަމަށެވެ. އަދި "ޓިއުބްލައިޓް' އާއި " ލިޓްލް ބޯއި" އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ހިނގާ ދިޔަ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވާހަކަތަކަށް ވާތީކަމަށް އެ މީހުން ބުންޏެވެ. އެހެން ނަމަވެސް "ޓިއުބް ލައިޓް" ގައި ފެނިގެންދަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި 1962 އަހަރު ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.
"ލިޓްލް ބޯއީ" ގައި ފެނިގެންދަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ކުޑަ ކުއްޖެއްގެ ހަޔާތުގައި އުފުލަން ޖެހޭ ދަތި އުނދަގޫތަކެއް ދައްކުވައިދޭ ފިލްމެކެވެ. ޖަޕާނު މީހުންނާ ހަނގުރާމައަށް ގޮސް ހުރި ބައްޕަ ހޯދުމުގެ މަސައްކަތް މި ކުއްޖާ މި ފިލްމުގައި ކުރެ އެވެ. މި ދަތުރުގައި އެ ކުއްޖާއަށް ޖާދޫ ހަދާ މީހަކާ ބައްދަލުވެ އެވެ. އޭނާއަށް ޚާއްސަ ބާރުތަކެއް ލިބިގެންވާ ކަމަކަށް މި ކުއްޖާއަށް އެ މީހާ ވިސްނައިދެ އެވެ. އަދި ކުއްޖާގެ ބައްޕަ ހޯދުމުގައި އެހީތެރިވެ ދެ އެވެ.
ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ.