ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 04:56
މެޓްޒް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
މެޓްޒް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޕީއެސްޖީ އެއްވަނައަށް، އެމްބާޕޭއަށް އަނިޔާގެ މައްސަލައެއް
 
މެޓްޒް އަތުން ޕީއެސްޖީ މޮޅުވީ 3-1 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލީ 72 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ މެޓްޒް ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލިއިރު، މި މެޗުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ފަބިއަން ސެންޓޯޒް ވަނީ މެޓްޒްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އޭގެ 13 މިނެޓު ފަހުން ޕީއެސްޖީން އަލުން ލީޑު ނެގިއިރު، މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން މައުރޯ އިކާޑީ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހި ނަމަވެސް، މެޗުގެ 87 ވަނަ މިނިެޓުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އެމްބާޕޭއަށް ލިބުނު އަނިޔާގެ ތަފުސީލު މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީ ނުކުންނާނެއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލީ ކުޅުނު 34 މެޗުން ލިބުނު 72 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ތާވަލުގެ ހަތަރުވަނައިގައި އޮތް ލިޔޯން ބަލިކޮށްގެން ލިލްއަށް އަލުން އެއްވަނައަށް އެރޭނެއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި މެޓްޒް އޮތީ ތާވަލުގެ 10 ވަނައިގައި 34 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް