ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 03:38
ބާސާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-2 ން
ބާސާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ބާސާ އާއި އެތުލެޓިކޯ ތާވަލުގެ ކުރިއަށް
ހުއެސްކާ އަތުން އެތުލެޓިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުން
ގެޓާފޭ އަތުން ބާސާ މޮޅުވީ 5-2 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާސެލޯނާއި އެތުލެޓިކޯ މެޑްރިޑް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

ބާސެލޯނާ މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ގެޓާފޭ އަތުން 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ބާސާގެ ކްލެމެންޓް ލޯންގްލޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ގެޓާފޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ގެޓާފޭގެ ސޯފިއަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި މެސީ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި މެސީ ދެ ލަނޑު ޖެހިއިރު، މި ސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާ ވަނީ މިހާތަނަށް 25 ލަނޑު ކާމިޔާބުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފަށައިގެން ގެޓާފޭއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެނެސް އުނާލެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެސީ ނަގައިދިން ކޯނަރަކުން ރޮނާލްޑް އަރައުހޯ ވަނީ ލަނޑެއް ޖަހައި، ބާސާގެ ލީޑު އަލުން ފުޅާކޮށްދީފައެވެ. އަދި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބާސާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ.

އެތުލެޓިކޯ އާއި ހުއެސްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ ހުއެސްކާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައަށް އަލުން އެތުލެޓިކޯ ޖެހިލިއިރު، ބާސާ ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 32 މެޗުން ވަނީ 70 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ތިންވަނައިގައި ބާސާ އޮތީ 31 މެޗުން 68 ޕޮއިންޓާއެކުއެވެ.

- ކޮމެންޓް