ސަލްޓަން ޕާރކްގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް އެއްބަސްވުން ހަދާފައިވާ ފަރާތް ހޯދަން ފަށައިިފިއެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ވަނީ ސަލްޓަން ޕާރކްގައި ތަރައްގީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް އެއްބަސްވުން ހަދާފައިވާ ފަރާތް ހޯދުމުންދާކަން ހާމަކޮށްފައެވެ. އިއުލާނުގައި ވާގޮތުން ސަލްޓަން ޕާރކްގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިންޓަރ ތީމް ޕާރކް އޮޕަރޭޓް ކުރަމުން ނުދާތީ، ޑައިމަންޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމާއި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއެކު މުއާމަލާތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބޭފުޅަކާ މުޢާމަލާތް ކުރެވޭނެ ގޮތް ވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.
މިވަގުތު ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ ކޮން އެޑްރެހެއްގައިކަންވެސް ކައުންސިލަށް ނޭނގޭކަމަށް ވަނީ ބުނެފައެވެ. މި ސަބަބައްޓަކައި ސަލްޓަން ޕާރކުގައި ތަރައްގީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އެއްބަސްވުމުގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު 22 އޭޕްރިލް 2021ން ފެށިގެން 10 ދުވަހުގެ ތެރޭގައި ކައުންސިލަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މި މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅަކު، މާލޭ ސިޓީ ކައުންސިލަށް ހާޒިރުނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވޭނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
ދިވެހިންނަށް ފިނިމޫސުމުގެ ތަޖުރިބާ ކުރެވޭގޮތަށް ތަރައްގީކޮށްފައިވާ ވިންޓަރ ޕާކް ރަސްމީކޮށް ހުޅުވައިފައިވަނީ، ރައީސް ޔާމީނުގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީ އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންގަކާއި، އައިސް ސްލައިޑަކާއެކު ސްނޯގެ ކުޅިވަރުތައް ކުޅެވޭގޮތަށް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ
މި ޕާކުގެ ވަޞީލަތްތައް ޑިޒައިންކޮށް އުފައްދާފައިވަނީ ފްރާންސާއި ޖަރުމަނުގެ އިންޖިނިއަރުންގެ ޓީމަކުންނެވެ.
ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ޕާކު ހަވާލުކޮށްފައިވަނީ، ތަނުގެ މެއިންޓަނަންސް މަސައްކަތަށް ދަޢުލަތުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭގޮތަށެވެ. މި ކުންފުންޏާ ހަވާލުކޮށްފައިވަނީ ވިންޓަރ ތީމް ޕާކު ހިންގައި ބެލެހެއްޓުމާއި، ކެފޭއެއްވެސް އެ ސަރަހައްދުގައި ހިންގައިގެން މަންފާ ހޯދޭނެ ގޮތަށެވެ. ނަމަވެސް ކެފޭގެ ޚިދުމަތްވެސް ފަށާފައެއް ނުވެއެވެ. އަދި ވިންޓަރ ތީމް ޕާކުގެ ޚިދުމަތް ހުއްޓާލައި، އެތަން ބޭނުން ނުކޮށް އޮންނަތާ ވަނީ ދިގުމުއްދަތެއް ވެފައެވެ.