މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.
އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން މުބާރާތުގެ ސެމީގެ ޖާގަތައް ހޯދާފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ސަންކުއިކް ލިލީ އާއި ދެވަނަ ހޯދި ޝުގަ ކޯނުގެ އިތުރުން، ގްރޫޕް ބީގެ އެއްވަނަ ހޯދި ކޭޑީއެމާއި ދެވަނަ ހޯދި ވެލް ލެފްޓެވެ.
މި މުބާރާތިގެ ގްރޫޕް ސްޓޭޖުގައި ބުރާސްފަތި ދުވަހުގެ ހަވީރުވެސް ދެ މެޗު ކުޅެވިގެންދިޔައިރު، ފުރަތަމަ މެޗުން ސަންކުއިކް ލިލީ ވަނީ ކިންޒާ ކެފޭ އަތުން 58 ލަނޑުން މޮޅުވެފައެވެ. މި މެޗުގައި ގުރު ދިމާވުމުން ސަންކުއިކް ލިލީ ކުޅެން އަރައި، އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 141 ލަނޑު ހަދާފައެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދިފައިވަނީ 83 ލަނޑެވެ.
ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗުން ކޭޑީއޭމް މޮޅުވީ ވެލް ލެފްޓާއި ވާދަކޮށް 33 ލަނޑުންއެވެ. މި މެޗުގައި ކޭޑީއެމް ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދާފައެވެ. ޖަވާބުގައި ވެލް ލެފްޓް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދިފައިވައިނީ 92 ލަނޑެވެ.
މި މެޗުތަކަށްފަހު މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ މެޗުތައް ކުޅޭނީ ހުކުރު ދުވަހުއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ވެލް ލެފްޓާއި ސަންކުއިކް ލިލީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ޝުގަ ކޯނާއި ކޭޑީއެމެވެ.