ކ. މާލެ
|
8 މެއި 2017 | ހޯމަ 10:20
މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރެމިއަ ލީގު
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
އާސެނަލް މި މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން
ލިވަޕޫލާއި ސައުތެހެމްޓަން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި

ފަހު ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު އާސެނަލުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

 

މި މެޗު އާސެނަލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

 

ޔުނައިޓަޑްގެ މައްޗަށް އާސެނަލް ހޯދި މި މޮޅަކީ ޕްރިމިއާ ލީގުގެ ވާދަވެރި މެޗެއްގައި މޮރީނިއޯގެ މައްޗަށް ވެންގާއަށް ހޯދުނު ފުރަތަމަ ކާމިޔާބެވެ.

 

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ދެޓީމުން ވެސް ފުރަތަމަ ހާފުގައި ލަނޑުޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން އާސެނަލްގެ އެލެކްސިސް ސަންޗޭޒާއި ޑެނީ ވެލްބެކް އަދި ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އާއި އެންތޮނީ މާޓިއަލް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

 

އެހެން ނަމަވެސް ދެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ފުރަތަމަ ހާފުގެ ކުޅުން ވަނީ ނިމިގެން ގޮސްފައެވެ.

 

މެޗުގެ ދެވަނަ ހާފު ފެށިގެން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އާސެނަލް ވަނީ ޔުނައިޓެޑްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ މޮޅު ކުޅުމަކާއެކު ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަކާ އެވެ. މިލަނޑު ޔުނައިޓެޑްގެ ގޯލަށް ވަދެފައި ވަނީ އޭރިޔާ ބޭރުން ޒަކާ ފޮނުވާލުމުން ޔުނައިޓެޑްގެ އެންޑަރ ހެރޭރާގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގައި އާސެނަލުން ޖެހި ދެ ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ. މި ދެ ލަނޑު ވެލްބެކް ޖެހީ ޗެމްބަލިން ނަގައިދިން ހުރަހެއް ޑިފެންޑަރުގެ ފަހަތުގައި ހުރެ ބޮލުން ފޮނުވާލައިގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ހަ ވަނައިގައި އޮތީ، ފަސް ވަނައިގައި އޮތް ޔުނައިޓަޑަށްވުރެ ދެ ޕޮއިންޓް ފަހަތުން ނެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗަކަށް ބަލާލާއިރު ލިވަޕޫލާ ސައުތުހެމްޓަން ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައި ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މި މެޗުގައި ލިވަޕޫލަށް ވަނީ ތިން ޕޮއިންޓް ހޯދަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް 66 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ޖޭމްސް މިލްނާ ފޮނުވާލި އިރު ސައުތުހެމްޓަންގެ ކީޕަރު ފްރީސާ ފޮސްޓާ ވަނީ ދިފާއު ކޮށްފަ އެވެ.

މި މެޗު އެއްވަރުވި ނަމަވެސް ލިބުނު އެއް ޕޮއިންޓާއެކު ލިވަޕޫލް ވަނީ އަލުން ތިން ވަނަ މަގާމަށް ޖެހިލާފަ އެވެ. ނަމަވެސް ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެޓީމާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.

- ކޮމެންޓް