ކ. މާލެ
|
8 މެއި 2017 | ހޯމަ 10:14
ރާއްޖޭގެ ދިގު ދުވުންތެރިޔާ އަހުމަދު އާތިފް
ރާއްޖޭގެ ދިގު ދުވުންތެރިޔާ އަހުމަދު އާތިފް
ފޭސްބުކް
އަޔަން މޭން
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
ރާއްޖެއިން ފުރަތަމަ އަޔަން މޭން ފުރިހަމަ ކުރީ ޑރ. ހުސައިން ހަލީމް
އާތިފް ވަނީ ކުޑަ ހުސޭނަށް ވުރެ އަވަހަށް މި ރޭސް ފުރިހަމަކޮށްފަ
އާތިފް މިރޭސް ފުރިހަމަކުރީ 12 ގަޑި 30:12 މިނެޓުން

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އަޔަން މޭން ޓްރައިތެލޯން ރޭސް ފުރިހަމަކޮށް މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް (އާތީ) ރާއްޖޭގެ ދެވަނަ އަޔަންމޭންގެ ލަގަބު ހޯދައިފިއެވެ.

 

އާތީގެ އިތުރުން ރާއްޖެއިން ދެން އަޔަން މޭން ޓްރައިތްލޯން ފުރިހަމަ ކުރި ދުވުންތެރިޔަކީ ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) އެވެ. އޭނާ މިރޭސް ފުރިހަމަ ކުރީ ފާއިތުވި އޭޕްރިލް މަހުގެ ދެވަނަ ދުވަހުއެވެ. އެހެން ނަމަވެސް އާތިފް ވަނީ ކުޑަ ހުސޭނަށް ވުރެ އަވަހަށް މި ރޭސް ފުރިހަމަކޮށްފައެވެ.

 

އާތިފް މިރޭސް ފުރިހަމަކުރީ 12 ގަޑި 30 މިނެޓުންނެވެ. މި ވަގުތާ އެކު އާތިފް ވެގެން ގޮސްފައި ވަނީ އަޔަން މޭން އެންމެ އަވަހަށް ފުރިހަމަ ކުރި ދިވެހި އެތުލީޓުގެ ގޮތުގައެވެ. ކުޑަ ހުސެން މި ރޭސް ފުރިހަމަކުރީ 15 ގަޑިއިރާއި 23:38 މިނެޓުންނެވެ.

އަޔަން މޭންގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި 180 ކިލޯމީޓަރު ބައިސިކަލް ދުއްވުން އަދި 42.2 ކިލޯމީޓަރު ދުވުމެވެ. އެއްވެސް ބްރޭކެއް ނުނަގައި މި ތިން އިވެންޓް ފުލުފުލުގައި ފުރިހަމަކުރަން ޖެހެނީ އެންމެ ލަސްވެގެން 17 ގަޑިއިރުގެ ތެރޭގަ އެވެ.

ދުނިޔޭގެ މަތީ ފަންތީގެ ގިނަ އެތުލީޓުން ބައިވެރިވި މި ރޭހަށް ތައްޔާރުވާން އައްޑޫ އާއި މާލެ އަދި ހުޅުމާލޭގައި ފެބްރުއަރީ މަހުން ފެށިގެން އާތިފް އައީ ތަމްރީން ހަދަމުންނެވެ.

ހުއްޓާލުމެއް ނެތި މާލެ ވަށައި 24 ގަޑިއިރު ދުވެގެން އާތިފް ވަނީ މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދިޔަ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ވެސް ދުވެފައެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު އޭނާ އެ ރޭހުގައި ފުރިހަމަކުރިއެވެ.

- ކޮމެންޓް