ކ. މާލެ
|
8 މެއި 2017 | ހޯމަ 08:13
މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ސަލާމް ކުރަނީ
މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ސަލާމް ކުރަނީ
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
މާލޭ ލީގު
އީގަލްސް އިން ނިއު ރޭޑިއަންޓް ބަލިކުރި އިރު، ޔޫވީ އަތުން ވިކްޓްރީއަށް މޮޅެއް
އީގަލްސް އަށް ލިބިފައި ވަނީ ދިހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ
ނިއު އެއްވަނައިގަައި އޮތީ ފަނަރަ ޕޮއިންޓާއެކު

ވަރުގަދަ ސްކޮޑަކާއެކު މިއަހަރުގެ ސީޒަނާ ކުރިމަތިލީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު 0-1 އިން ބަލިކޮށް މާލޭ ލީގުގެ ފުރަތަމަ ބުރު ހަތަރު ވަނައިގައި އޮވެ ކްލަބު އީގަލްސް އިން ނިންމާލައިފިއެވެ.

 

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ނިއު އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) އާއި ގަލާޑޯ އަދި ޖަމެލް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

 

ފުރަތަމަ ހާފުގައި ނިއު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށްވީ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އީގަލްސް އިން ލަނޑެއްޖަހައި ލީޑު ނެގުމެވެ. މި ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ.

 

ފުރަތަމަ ހާފު އީގަލްސް ލީޑުގައި އޮވެ ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ނިއު އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އީގަލްސްގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން 54 ވަނަ މިނެޓުގައި ސެންޓޭ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗު ނިމެން ވަގުތު ކުޑަތަންވެފައި ވަނިކޮށް މިދުހަތު އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވެސް ހުސް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އީގަލްސްގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

 

މި ނަތީޖާއާއެކު އީގަލްސް އަށް ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން ދިހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފައެވެ. ނިއު ރޭޑިއަންޓަށް ފަނަރަ ޕޮއިންޓާއިއެކު ލީގުގެ އެއްވަނަ ލިބިފައިވީ ނަމަވެސް ހޯމަ ދުވަހު ކްލަބު ވެލެންސިއާ އާއި ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މާޒިޔާއަށް ޕޮއިންޓެއް ލިބުނަސް އެޓީމަށް އެއްވަނަ މަގާމް ލިބޭނެއެވެ.

 

ލީގުގައި އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗު ވިކްޓްރީން ކާމިޔާބުކުރީ ވާދަވެރި ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

 

ފަހަތުން އަރައި ދެލަނޑު ޖަހައިގެން ވިކްޓްރީން މި މެޗު ކާމިޔާބުކުރި އިރު މިއީ ފުރަތަމަ ބުރު ނިންމާލުމުގެ ކުރިން އެޓީމަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.

 

މި މެޗުގައި ވިކްޓްރީން ދެ ލަނޑުވެސް ޖަހާފައި ވަނީ ޔޫވީން ލަނޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ޔޫވީ އަށް ކާމިޔާބުކޮށްދިނީ ޒިވްކޮވިޗެވެ. އަދި ވިކްޓްރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ 45 ވަނަ މިނެޓުގައި ހަސަން އަދުހަމް (ސަޑޭ) އާއި 62 ވަނަ މިނެޓުގައި މުހައްމަދު ރިސްވާން އެވެ.

 

މި ނަތީޖާއާއެކު ފުރަތަމަ ބުރުގެ ކުޅުން ވިކްޓްރީއަށް ނިމިފައިވާ އިރު، އެޓީމަށް ލިބިފައި ވަނީ 8 ޕޮއިންޓާއެކު ލީގުގެ ފަސްވަނަ އެވެ. އަދި މެޗުން ބަލިވި ޔޫވީ އަށް ލިބިފައި ވަނީ 3 ޕޮއިންޓާއެކު ލީގުގެ ހަތްވަނަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް