މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދޭނީ ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުން އެކަނި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17ގަ އެވެ. އަދި އޭގެ ދެވަނަ ޑޯޒު ޖަހަން ފެށީ އިއްޔެއެވެ. މިހާރު ވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު މާލެ ސަރަހައްދުގައި ޖަހަމުން އަންނައިރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރ, ނެޝެނަލް އާޓް ގެލެރީ އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރަށް ސެނެހިޔާ އާއި ވިލިމާލެ ޔޫތު ސެންޓަރުންނެވެ.
ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ކޮންމެ ދުވަހަކު ވެސް އޮންލައިންކޮށް ދޫކުރަނީ 1،200 ނަމްބަރު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ތެރެއިން 1،040 ނަމްބަރަކީ ކޮވިޝީލްޑް ވެކްސިން ޖަހާ ސެންޓަރުތަކުން ދޫކުރަން ހަޖަމަޖައްސާފައިވާ ނަމްބަރުތަކެކެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިނަށް އޮންލައިންކޮށް ނަމްބަރު ދޫކުރަނީ ހަމައެކަނި ސޯޝަލް ސެންޓަރާއި، ނެޝެނަލް އާޓް ގެލެރީ އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށެވެ. އެކަމަކު މި ސެންޓަރުތަކުން އޮންލައިންކޮށް ދޫކުރަނީ ލިމިޓެޑް ނަމްބަރުތަކެވެ. އެގޮތުން ސޯޝަލް ސެންޓަރުން 480، ނެޝެނަލް އާޓް ގެލެރީން 320 އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ދޫކުރަން ހަމަޖައްސާފައި ވަނީ 240 ނަމްބަރެވެ.
ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް މި ސެންޓަރުތަކުން އޮންލައިން ނަމްބަރު ދޫކުރި ނަމަވެސް އެތަންތަނަށް ގޮސްގެން ވެސް ނަމްބަރު ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މީގެ އިތުރަށް ސެނެހިޔާ އާއި ވިލިމާލެ ޔޫތު ސެންޓަރުން ވެސް ދޫކުރަން ހަމަޖައްސާފައިވަނީ އެތަނަށް ދިއުމުން ފިޒިކަލް ނަމްބަރުތަކެވެ.
މީގެ އިތުރަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ރައްޔިތުންގެ މަޖިލީހުން 160 ނަމްބަރު އޮންލައިންކޮށް ދޫކުރަން ހަމަޖައްސާފައިވާއިރު ޓްރީޓޮޕް ހޮސްޕިޓަލުން ނަމްބަރު ލިބެނީ އެތަނަށް ގޮސްގެންނެވެ.
މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފެށީއްސުރެ ވެކްސިނޭޝަން ސެންޓަރުތަކުގައި ކިއު ދިގުވެ އެކަމުގައި މައްސަލަތަކެއް ދިމާވަމުން އަންނާތީ އެކަން ހައްލުކުރުމުގެ ގޮތުން އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވެކްސިން ޖަހާ ސެންޓަރުތަކުން ކޮންމެ ދުވަހަކު ވެސް ވަކި އަދަދަކަށް ވެކްސިން ޖަހާ އަދި ވަކި ވަރަކަށް ނަމްބަރު ދޫކުރާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.