ކ. މާލެ
|
20 އޭޕްރިލް 2021 | އަންގާރަ 03:01
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން
ފޯމެޓް ބަދަލުކޮށް އައު ޗެމްޕިއަންސް ލީގު 2024 ގައި
 
ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެ
 
އައު ފޯމެޓުގެ ޗެމްޕިއަންސް ލީގު ފަށާނީ 2024 ވަނަ އަހަރު

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކޮށް، އައު މުބާރާތް 2024 ވަނަ އަހަރު ފަށަން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ޔުއެފާއިން ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ފާސްކުރީ ދާދި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް "ޔޫރަޕިއަން ސުޕަ ލީގު" ވުޖޫދުކުރުމާއެކުއެވެ. ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން ޔުއެފާއިން މަޝްވަރާކުރަމުން އަންނަތާ ދެ އަހަރު ވެފައި ވާއިރު، ހޯމަ ދުވަހު ޔުއެފާގެ ހިންގާ ކޮމިޓީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އައު ފޯމެޓް ފާސްކޮށްފައެވެ. އަދި މި އައު ފޯމެޓަށް ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީ ވަނީ ތާއީދުކުރައްވާފައެވެ.

ހޯމަ ދުވަހު ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭއިރު، އެ 10 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެން ލީގުގެ ނުވަވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ޓީމުތައް ދެ ލެގުގެ ޕްލޭއޮފް ބުރެއް ކުޅޭއިރު، އެ ބުރުން ކުރި ހޯދާ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އެހެންކަމުން ދެވަނަ ބުރު ކުރިއަށްދާނީ މިހާރުވެސް މުބާރާތް ކުރިއަށްދާ އުސޫލުން ގަދަ 16 ޓީމުގެ މެދުގައެވެ. ދެން ލީގުގެ 17 ވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ކުލަބުތަކަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގަ ލިބޭއިރު، އޭގެ ފުލުން ނިންމާ އަށް ޓީމު މުބާރާތުން ކަޓާނެއެވެ.

ޔުއެފާއިން ނިންމާފައިވަނީ އައު ފޯމެޓުގެ ޗެމްޕިއަންސް ލީގު 2024-2025 ވަނަ އަހަރުގެ ސީޒަނުގައި ފެށުމަށެވެ. އަދި މި ފޯމެޓަށް 2033 ވަނަ އަހަރުގެ ނިޔަލަށް މުބާރާތް ކުރިއަށްގެންދަން ޔުއެފާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ޔުއެފާއިން ބަދަލުކުރިއިރު، ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެގޮތުން ޔޫރަޕިއަން ސުޕަ ލީގުގެ 12 ޓީމުގެ ތެރޭގައި ހިމެނޭ މެންޗެސްޓާ ސިޓީ އާއި، ޗެލްސީ އާއި ރެއާލް މެޑްރިޑް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ތިން ޓީމު މުބާރާތުން ވަކިކުރުމާ މެދު ޔުއެފާއިން ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމަށް ވެއްޖެނަމަ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނީ ޕީއެސްޖީއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް