ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ގެޓާފޭ އާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއްވަރުވިއިރު، އެއިބާ އަތުން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ފަށާފައިވަނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ބެންޗުގައި ބައިންދައިގެންނެވެ. މި މެޗުގައި ރެއާލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ގެޓާފޭއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ގެޓާފޭގެ މަތިއަސް އޮލިވޭރާއަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އެ ހަމަލާ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ހުއްޓުވާފައެވެ.
އޭގެ ފަހުން މެޗުގެ އަށްވަނަ މިނެޓުގައި މަރިއާނޯ ޑިއާޒް ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ގެޓާފޭގެ މައުރޯ އަރަމްބާރީއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ގެޓާފޭއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލުގެ ގޯލްކީޕަރު ކޯޓުއާއެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ގެޓާފޭގެ އެނެސް އުނާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާވެސް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް އެއްވަރުވިއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މޮޅުވީ އެއިބާ އަތުން 5-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޔަނިކް ކަރަސްކޯ ވަނީ އެތުލެޓިކޯގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ދެން މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް ޔޮރެންޓޭއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ޔޮރެންޓޭ ވަނީ އެތުލެޓިކޯގެ ފަސްވަނަ ލަނޑުވެސް ޖަހައިދީފައެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ރެއާލަށް 31 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސާއަށް 30 މެޗުން ވަނީ 65 ޕޮއިންޓް ލިބިފައެވެ.