ކ. މާލެ
|
19 އޭޕްރިލް 2021 | ހޯމަ 02:02
ޕީއެސްޖީ އާއި ސެއިންޓް-އެޓިއެން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-2 ން
ޕީއެސްޖީ އާއި ސެއިންޓް-އެޓިއެން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފަހު ވަގުުތު މޮޅުވެ ޕީއެސްޖީން ފަރަގު ކުޑަކޮށްފި
 
ސެއިންޓް-އެޓިއެން އަތުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 69 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި އާދީއްތަ ދުވަހު ސެއިންޓް-އެޓިއެން އަތުން ފަހު ވަގުތު މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ލީގުގެ އެއްވަނައިގައި އޮތް ލިލްއާ ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސެއިންޓް-އެޓިއެނުންނެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ބޮއަންގާއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ސެއިންޓް-އެޓިއެންގެ ގޯލްކީޕަރު އެމްބާޕޭއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ސެއިންޓް-އެޓިއެންގެ ރޮމޭން ހަމޫމާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ އެއްވރަކޮށްދީފައެވެ. ނަމަވެސް މި މެޗުން ޕީއެސްޖީ މޮޅުވީ އޭގެ ތިން މިނެޓު ފަހުން މައުރޯ އިކާޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި އެމްބާޕޭ ދެ ލަނޑު ޖަހާފައިވާއިރު، އެ ދެ ލަނޑާއެކު އޭނާ ވަނީ މި ފަހަރުގެ ލީގުގައި ކުޅުނު 28 މެޗުން 23 ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޕީއެސްޖީން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ އެގޮތުން ކުޅުނު 33 މެޗުން ލިބުނު 70 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލިލް އޮތްއިރު، ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި 33 މެޗުން 69 ޕޮއިންޓާއެކުއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ސެއިންޓް-އެޓިއެން އޮތީ ތާވަލުގެ 13 ވަނައިގައި 33 މެޗުން 39 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް