ކޮވިޑް-19ގައި ރާއްޖެއިން 70 ވަނަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ހެނދުނު ހަރަކާތްހުއްޓިފައި އޮތް މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ކޮވިޑް-19އަށް ޕޮޒިޓިވް މީހެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. އުމުރުން 72 އަހަރުގެ އެ އަންހެން މީހާ މަރުވި ކަމަށް ކަނޑައެޅީ ހެނދުނު 9:22ހާއިރު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެއީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނެވެ. ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.
މިއީ މި ދިޔަ ތިން ދުވަސް ތެރޭގައި ރާއްޖެއިން މި ބަލީގައި މަރުވި ތިން ވަނަ މީހާއެވެ. އެގޮތުން ހުކުރު ދުވަހު މި ބަލީގައި ދެމީހަކު މަރުވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް 26،300ށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މިހާރުވެސް 2،000ށް ވުރެ ގިނަ މީހުން ދަނީ ފަރުވާހޯދަމުންނެވެ. ކޮވިޑް ކޭސްތައް މުޅި ރާއްޖެއިންވެސް ރިޕޯޓުކުރާ ވަރު މަދުވެފައި އޮންނަތާ ދެ ހަފްތާއެއްހާ ދުވަހަށް ފަހު އަނެއްކާވެސް ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އާދިއްތަ ދުވަހުވެސް 200ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.