ކ. މާލެ
|
18 އޭޕްރިލް 2021 | އާދީއްތަ 23:27
ކޮވިޑް-19
ކޮވިޑް-19
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް ކޭސްތަކުގެ އަދަދު 200ން މައްޗަށް
މާލެ ސަރަހައްދުން 115 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 70 މީހުންގެ އިތުރަށް ރިސޯޓުތަކުން 18 މީހުން ޕޮޒިޓިވްވި
މިއާއެކު ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،349ށް އަރާފައި
2،678 މީހަކު އަދިވެސް ދަނީ ފަރުވާ ހޯދަމުން

ރާއްޖެއިން ފެނުނު ކޮވިޑް-19 ކޭސްތަކުގެ އަދަދު 200ން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް ނެގި 3،238 ސާމްޕަލްގެ ތެރެއިން 203 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން 115 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 70 މީހުންގެ އިތުރަށް ރިސޯޓުތަކުން 18 މީހުންނެވެ.

މިއާއެކު ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،349ށް އަރާފައެވެ. އޭގެ ތެރެއިން 23،591 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 2،678 މީހަކު އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އަދި 60 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 69 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު ތިން ވަނަ ރަޅަކާ ކުރިމަތިވީ މި އަހަރުގެ ޖެނުއަރީގައެވެ. އޭގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އަނެއްކާވެސް ފިޔަވަޅުތަކަށް ލުއި ދިނެވެ. ލުއިތައް ދިނީ ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވާން ފެށީމައެވެ.

މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުތައް ވަރަށް ދަށުގައި ހުރުމަށް ފަހު އަނެއްކާވެސް ކޭސްތަކުގެ އަދަދު މައްޗަށް އަރަން ފަށާފައި މި ވަނީ ފާއިތުވެދިޔަ ދެތިން ދުވަހެއްގައެވެ. ކޭސްތަކުގެ އަދަދު 100ން ދަށްވިއިރު އެ އަދަދު 100ށް ވެސް ނާރައެވެ.


Advertisement
- ކޮމެންޓް