އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ބާސާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސާއިން، އެ ޓީމުގެ ތާރީޚުގައި ސްޕެނިޝް ކަޕް އުފުލާލި 31 ވަނަ ފަހަރެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ލީޑު ނަގަން ބާސާއަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބާސާއިން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މި ހާފުގެ 12 މިނެޓު ތެރޭ އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން ބާސާއަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން ޑި ޔޮން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނެލް މެސީއެވެ.
މި މޮޅާއެކު ބާސާއިން ސްޕެނިޝް ކަޕް އުފުލާލިއިރު، މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބާސާގެ ކޯޗުގެ މަޤާމާ ހަވާލުވި ރޮނާލްޑް ކޫމަންގެ ފުރަތަމަ ކާމިޔާބީއެކެވެ. އަދި މިއީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ މި މުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ.
މި ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލުން ބިލްބާއޯ ބަލިވިއިރު، މި މަހުގެ ކުރީކޮޅު ކުޅުނު މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕުގެ ފައިނަލް މެޗުންވެސް ބިލްބާއޯ ވަނީ ބަލިވެފައެވެ. އެގޮތުން އެ މެޗުން ބިލްބާއޯ ބަލިވީ ރެއާލް ސޮސިއެޑާޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު މި އަހަރު ކުޅުނީ ކޮވިޑް-19 އާ ގުޅިގެން، މިދިޔަ ސީޒަނުގެ ފައިނަލް މެޗު އަހަރެއްހާ ދުވަހަށް ފަސްކުރުމުންނެވެ.