އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ އެވަޓަނާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި މެޗުގައި ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭނަށް އަނިޔާވެއްޖެއެވެ.
އެވަޓަނުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޓޮޓެންހަމުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޓަންގުއީ އެންޑޮމްބެލޭ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޭނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ގިލްފީ ސިގަޑްސަން ވަނީ އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އެވަޓަނުގެ ހަމޭސް ރޮޑްރިގޭޒަށް ޓޮޓެންހަމުގެ ސާޖިއޯ ރެގީލޯން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި އެވަޓަނުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. ސީމަސް ކޯމަން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑުވެސް އެވަޓަނަށް ކާމިޔާބުކޮށްދިނީ ސިގަޑްސަނެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުޞަތުން ކޭން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ކޭން ދެ ލަނޑު ޖެހި ނަމަވެސް، މެޗުގެ ފަހުކޮޅު ތަނބިކައްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. ކޭނަށް ލިބުނު އަނިޔާގެ ތަފުސީލު އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ނުވަ ދުވަސް ފަހުން އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނާނެއެވެ.
ހުކުރު ދުވަހުގެރޭ ލީގުގައި ކުޅުނު މެޗުން ޓޮޓެންހަމް އެއްވަރުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 32 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމުގެ ފުލުން އަށްވަނައިގައި އޮތް އެވަޓަނަށް 31 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.