ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ދަތުރުކޮށްފިއެވެ.
ސެމީގެ ޖާގައެއް ޔުނައިޓެޑް ހޯދީ ކުއާޓާ ފައިނަލުގައި ގްރާނާޑާ އަތުން 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުން 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވިއިރު، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުންވެސް ޔުނައިޓެޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އޭގެ ފަހުން މި މެޗުގައި ލަނޑު ޖަހަން ދެ ޓީމަށްވެސް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދިޔައިރު، ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެސޫސް ވަޔޭހޯއެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 17 މެޗުންވެސް ޔުނައިޓެޑް ބަލިވެފައެއް ނުވެއެވެ. އަދި މި ނަތީޖާއާއެކު ސެމީއަށް ޔުނައިޓެޑް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ރޯމާއާއެވެ. ސެމީގެ ޖާގައެއް ރޯމާއިން ހޯދީ އަޔަކްސް އަތުން 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް އާސެނަލް ދަތުރުކުރީ ކުއާޓާގައި ސްލާވިއާ ޕްރާގް އަތުން 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. އެގޮތުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އާސެނަލާއި ސްލާވިއާ ޕްރާގް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުން އާސެނަލް ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ އާސެނަލަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އެލެކްޒެންޑަ ލަކަޒޭޓް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އާސެނަލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. ދެން މި މެޗުގައި އާސެނަލުން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލަކަޒޭޓެވެ.
މި މޮޅާއެކު ޔޫރޮޕާ ލީގުގެ ސެމީއަށް އާސެނަލް ދަތުރުކުރިއިރު، މިއީ ޔޫރަޕް މުބާރާތެއްގެ ސެމީން އާސެނަލް ޖާގަ ހޯދި 10 ވަނަ ފަހަރެވެ. ސެމީގެ މެޗުތައް މި މަހުގެ ފަހުކޮޅު ފަށާއިރު، ސެމީގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ ވިޔަރެއާލާއެވެ. ސެމީއަށް ވިޔަރެއާލް ދަތުރުކޮށްފައިވަނީ ޑީނަމޯ ޒެގްރެބް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ.