ރޯދަމަހު މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑި އިތުރު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަ ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ދާ މީހުން ގިނަވުމާއެކު ވެކްސިން ސެންޓަރުތައް ހުޅުވިފައި ހުންނަ ގަޑި އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މާލެ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް ރޭގަނޑު 09:00ން 11:45ށް ހުޅުވިފަައި ހުންނާނެ ކަމަށެވެ.
މީގެ ކުރިން މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރަކުން ވެސް ވެކްސިން ޖަހައިދެމުން އައީ ރޭގަނޑު 09:00ން ފެށިގެން 11:00 ށެވެ. ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދެމުން އަންނަނީ، ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.
ފުރަތަމަ ޑޯޒް ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދެމުން އަންނައިރު ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭން ވެސް ވަނީ ފަށާފައެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު. ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމުން ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ފައިޒަރގެ 5500 ޑޯޒް ވެކްސިނެވެ. މި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.