ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 85 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 2،413 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 85 މީހުންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 39 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 38 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓުތަކުން 8 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިތުރު 85 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު، އެކްޓިވް ކޭސްތަކުގެ އަދަދު 2،627ށް ވަނީ އަރާފައެވެ. އަދި 57 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދެއެވެ. ރާއްޖެއިން 23،141 މީހުން ބަލިން ފަސޭހަވެފައިވާއިރު، 67 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.
ކޮވިޑްގެ ތިން ވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހިގެން އާންމުގޮތެއްގައި ދުވާލަކު ރިޕޯޓްކުރަމުން އަންނަނީ 100ން މަތިންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެއަދަދު 300ށް ވެސް އަރާފައިވެއެވެ. ނަމަވެސް މިފަހުން ރާއްޖޭގައި ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީފައެވެ. ލުއިތައް ދެމުން ދިޔަނަމަވެސް ކޭސްތައް ފެންނަމިންވަރު ނިސްބަތުން މަދެއް ނުވެއެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރެއިން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.