މާލެ ސަރަހައްދުން އިތުރު 5،225 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 2،207 މީހުން ކޮވިޑް-19ން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖާހަފައެވެ. އެއީ އަތޮޅުތެރެއިން ވެކްސިން ޖެހި 1،795 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 412 މީހުންނެވެ.
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަށް ބަލާއިރު 6،361 މީހުން ވަނީ ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 5،225 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 1،136 މީހުންނެވެ.
މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 273،660ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 25،369ށް ވަނީ އަރާފައެވެ.
ރަމަޟާން މަހު މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރަކުން ވެސް ރޭގަނޑު 09:00ން ފެށިގެން 11:00ށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް އަންނަނީ ހިލޭ ވެކްސިން ޖަހައިދެމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވެސް ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖެހޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒަރ ވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާފައިވާއިރު މިހާރު ޖަހަނީ އޭގެ ދެވަނަ ޑޯޒެވެ. އަދި ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފާމް ވެކްސިންގައެވެ. ފައިޒަރ ވެކްސިން ވެސް ޖަހަން ފަށާފައިވާއިރު މި ވެކްސިން މިވަގުތު ދޭނީ މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަންދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.