ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 84 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ހިސާބުތަކުން ދައްކާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 2،216 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 84 މީހުންނެވެ.
މީގެ ތެރެއިން 32 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 37 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 13 މީހުންނެވެ.
އިތުރު 84 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25،701ށް ވަނީ އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،829 ކޭސް ރިޕޯޓްކޮށްފައިވާއިރު، 64 މީހުނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 67 މީހުން ނިޔާވެފައިވާއިރު 22،796 މީހުން ބަލިން ފަސޭހަވެފައިވެއެވެ.
ކޮވިޑްގެ ތިން ވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހިގެން އާންމުގޮތެއްގައި ދުވާލަކު ރިޕޯޓްކުރަމުން އަންނަނީ 100ން މަތިންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެއަދަދު 300ށް ވެސް އަރާފައިވެއެވެ. ނަމަވެސް މިފަހުން ރާއްޖޭގައި ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދީފައެވެ. ލުއިތައް ދެމުން ދިޔަނަމަވެސް އަތޮޅުތެރެއިން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.