އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ރާއްޖޭގެ ކުލަބު އީގަލްސް ބައްދަލުކުރާ މެޗު ނޭޕާލުގައި ކުޅެން ހުށަހަޅާފައެވެ.
މި މެޗު މީގެ ކުރިން ބަންގްލަދޭޝްގައި ކުޅެން މަސައްކަތްކުރި ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް އެ ޤައުމުގެ އިތުރުވެ، އެ ޤައުމު ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ވަނީ ނުވެފައެވެ. އަދި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންވެސް މި މެޗު ބަންގްލަދޭޝްގައި ބޭއްވުމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އެހެންކަމުން އޭއެފްސީން ވަނީ މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމައި، ދަނޑެއް ހަމަޖެއްސުމަށް އަބަހާނީއަށް ހޮނިހިރު ދުވަހުގެރޭގެ ނިޔަލަށް މުހުލަތު ދީފައެވެ.
އެއާއެކު މި މެޗު އިންޑިއާގައި ކުޅެން އަބަހާނީން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އަބަހާނީ އާއި އީގަލްސްގެ މެޗު ނޭޕާލުގައި ކުޅެން މިހާރު ވަނީ ހުށަހަޅާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް އޭއެފްސީން ވަކި ގޮތެއް ނިންމާނެއެވެ. އެހެން ނަމަވެސް މި މެޗު ނޭޕާލުގައި ކުޅެވޭ ގޮތެއް ނުވެއްޖެނަމަ، މި މެޗު އޮންނާނީ ރާއްޖޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗު ކުޅެން އޭއެފްސީން ތާވަލުކޮށްފައި އޮތީ އަންނަ ބުދަ ދުވަހަށެވެ. އެކަމަކު މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ނުވުމުން، އޭއެފްސީން މިހާރު ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސް ވާދަކުރާއިރު، ޕްރިލިމިނަރީ ދެވަނަ ބުރަށް އެ ޓީމު ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އަބަހާނީ އާއި އީގަލްސް ބައްދަލުކުރާއިރު، މި ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.
ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.