ރޯދައިގެ ކުރިން ދެވަނަ ޑޯޒް ޖެހުމަށް ކިއުތައް ދަމާލައިފިއެވެ.
މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ސެނަހިޔާ، އާރޓް ގެލަރީ، އަދި ސޯޝަލް ސެންޓަރުގައެވެ. ސެނަހިޔާއިން ވެކްސިނުގެ ދެވަނަ ޑޯޒް ޖެހުމަށް ދުވާލަކަށް ދޫކުރަނީ 400 ނަމްބަރެވެ. ސޯޝަލް ސެންޓަރ އަދި އާޓް ގެލަރީގައި ދެވަނަ ޑޯޒް ޖެހުމަށް ކިއުގައި ޖެހިގެން ގިނަ އަދަދެއްގެ މީހުން އެބަތިއްބެވެ. ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރަން ޖެހޭ މީހުން ރަމަޟާން މަހުގެ ކުރިން ޑޯޒް ފުރިހަމަ ކުރަން އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރަށް ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާފައިވާއިރު މިހާރު ޖަހަނީ އޭގެ ދެވަނަ ޑޯޒެވެ. އަދި ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފާމް ވެކްސިންގައެވެ. ފައިޒަރ ވެކްސިން ވެސް ޖަހަން ފަށާފައިވާއިރު ވެކްސިން މިވަގުތު ދޭނީ މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް ބުނެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް އަންނަނީ ހިލޭ ވެކްސިން ޖަހައިދެމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވެސް ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖެހޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.