އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން ފަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ޓޮޓެންހަމް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ރަށުން ބޭރުގައި ބަލިނުވެ ޔުނައިޓެޑުން ހަމަކުރި 23 މެޗެވެ.
މި މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ އެޑިންސަން ކަވާނީ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ކުރިން ޓޮޓެންހަމުގެ ސޮން ހެއުން-މިންއަށް ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ ފައުލުކުރިކަމަށް ނިންމައި، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ސޮން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ.
އެކަމަކު ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި ޔުނައިޓެޑުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ފްރެޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 79 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން ކަނޑު ކާމިޔާބުކޮށްދިނީ ކަވާނީއެވެ. އަދި އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 31 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް އަތުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައި 31 މެޗުން 49 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ޝެފީލްޑް އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގައި އާސެނަލުން ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްޒެންޑަ ލަކަޒޭޓެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ގަބްރިއެލް މާޓިނެއްލީ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި އާސެނަލުން ޖެހި ތިންވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލަކަޒޭޓެވެ.
މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 31 މެޗުން 45 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި 31 މެޗުން 14 ޕޮއިންޓާއެކުއެވެ.