އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުތަކުން ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާއި، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް މޮޅުވެއްޖެއެވެ.
އިންޓަ މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ކަލިއާާރީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު މި ހާފުގައި އިންޓަގެ ކްރިސްޓިއަން އެރިކްސަން އާއި މަޓެއޯ ޑާމިއަން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތައް ކަލިއާރީގެ ގޯލްކީޕަރު ގަގްލިއެލްމޯ ވިކާރިއޯ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، އިންޓައިން ލީޑު ނަގާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އަޝްރަފް ހަކީމީ ދިން ޕާހަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ޑާމިއަންއެވެ.
މި މޮޅާއެކު އިންޓައިން ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން އިންޓައަށް ކުޅުނު 30 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޭސީ މިލާނަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި އިންޓަ އަތުން ބަލިވި ކަލިއާރީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 30 މެޗުން 22 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ޖެނޯއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހުއާން ކުއަޑްރާޑޯ ދިން ޕާހަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖެނޯއާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ނިކޯލޯ ރޮވެއްލާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއަންލޫކާ ސްކަމާކާއެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެސްޓަން މެކެނީ ވަނީ ޔުވެންޓަސްއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 30 މެޗުން ލިބުނު 62 ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ 13 ވަނައިގައި 30 މެޗުން 32 ޕޮއިންޓާއެކުއެވެ.