ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 12:39
2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް
2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް
ޝުއައިބް މުހައްމަދު އިގްބާލް
ނޫސްވެރިކަމުގެ އިނާމު 2020
ނޫސްވެރިކަމުގެ އިނާމު އަންނަ މަހު 23ގައި
 
މިއީ މިހާތަނަށް ނޫސްވެރިކަމުގެ އިނާމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު އަދި އެންމެ ގިނަ ހުށަހެޅުން ލިބުނު އަހަރު
 
އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ އިޖުތިމާއީ ދާއިރާއިން
 
ޖުމުލަ 12 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައި

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މެއި މަހުގެ 23 ވަނަ ދުވަހުގައި ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ އެ ކައުންސިލުން މި އަހަރު ދިނުމަށް ހަމަޖެހިފައިވާ "ނޫސްވެރިކަމުގެ އިނާމު 2020" ދިނުމުގެ ޙަފްލާ މި އަހަރު ބާއްވާނީ  23 މެއި 2021 ގައި ކަމަށެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމް، ޖުމްލަ 12 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު، ނޫސްވެރިންނަށް ވީހާވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް ސުންގަޑި ހަމަވީއިރު ޖުމުލަ 87 ހުށަހެޅުން ލިބިފައިވާކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. ނޫސްވެރިކަމުގެ އިނާމު 2020 އަށް ނަން ހުށަހެޅުމުގެ ފުރުސަތު މި އަހަރު ހުޅުވާލީ 02 މާރިޗު 2021 ގައެވެ.

ޖުމްލަ 12 ކެޓެގަރީއަކަށް އިނާމަށް ހުޅުވާލިއިރު އިނާމަށް އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ އިޖުތިމާއީ ދާއިރާއަށެވެ. އެއީ 21 ހުށަހެޅުމެވެ. މީގެ އިތުރަށް ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން 9، ސިޔާސީ ދާއިރާއިން 9، ޝަރުއީ އަދި ގާނޫނީ ދާއިރާއިން 6، ވިޔަފާރީގެ ދާއިރާއިން 9، ކުޅިވަރުގެ ދާއިރާއިން 5 ހުށަހެޅުމުގެ އިތުރަށް ފޮޓޯ ޖަރނަލިޒްމް ގެ ދާއިރާއިން 6 އަދި ވީޑިއޯ ޖަރނަލިޒްމގެ ދާއިރާއިން 3 ހުށަހެޅުން ހުށަހަޅާފައިވެއެވެ.

މިއަހަރު އަލަށް ތައާރަފްކުރި ދެ ދާއިރާ ކަމަށްވާ އޯޑިއޯ ޖަރނަލިޒަމް އަދި ނިއުސް ގްރެފިކްސް އެންޑް އިލެސްޓްރޭޝަންސްގެ ދާއިރާއިން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާއިރު ފީޗަރ ރިޕޯޓް ދާއިރާއަށް 17 ހުށަހެޅުން އަދި އުންމީދީ ނޫސްވެރިޔާގެ އިނާމަށް 2 ހުށަހެޅުން ހުށަހަޅާފައިވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އިނާމަށް ހުޅުވާލާފައިވާ އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރި އާއި އިގުތިސޯދު، ކުޅިވަރު އަދި ފީޗާރ ރިޕޯޓު ކެޓަގަރީން ކުރިމަތިލާނަމަ އެ ކެޓަގަރީއަކުން މަދުވެގެން 12 ފީޗަރ ހުށަހަޅަންޖެހެއެވެ. އަދި އިނާމަށް ނޮމިނޭޓްކުރަން ބޭނުންވާ ތިން ހުށަހެޅުމެއް އޭގެ ތެރެއިން ފާހަގަކުރަން ޖެހެއެވެ.

މީޑިއާ ކައުންސިލް އިން ވަނީ މިއީ މިހާތަނަށް ނޫސްވެރިކަމުގެ އިނާމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު އަދި އެންމެ ގިނަ ހުށަހެޅުން ލިބުނު އަހަރުކަން ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
100%
0%
ކޮމެންޓް