ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ގްރަނާޑާ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ސްލާވިއާ ޕްރާގުން ފަހު ވަގުތު އާސެނަލާ އެއްވަރުކޮށްފިއެވެ.
ގްރަނާޑާގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން ޔުނައިޓެޑް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މި މެޗު ފަށައިގެން ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ވިކްޓަ ލިންޑެލޯފް ދިން ޕާހަކުން މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. އޭގެ ފަހުން ގްރަނާޑާއިންވެސް މި މެޗުގައި ފުރުޞަތުތަކެއް ތަނަވަސްކުރިއިރު، ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. މިއީ އޭރިއާ ތެރެއިން ފެނާންޑޭސްއަށް ގްރަނާޑާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް، ދެވަނަ ލެގާ ކުރިމަތިލާއިރު އެ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ވަނީ ސަސްޕެންޑްވެފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑުތަކާއެކު، އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އާއި، މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އަދި ޑިފެންޑަރު ލޫކް ޝޯއަށް ނުކުޅެވޭނެއެވެ.
މީގެ އިތުރުން ކުއާޓާގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އާސެނަލާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އާސެނަލުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި މެޗުގައި ދެ ޓީމުންވެސް ލަނޑު ޖަހާފައިވަނީ މެޗުގެ ފަހުކޮޅުއެވެ. އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ތޯމަސް ހޯލްސް ވަނީ ސްލާވިއާ ޕްރާގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މީގެ އިތުރުން ކުއާޓާގެ ފުރަތަމަ ލެގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރޯމާއިން ވަނީ ރަށުން ބޭރުގައި ކުޅުނު މެޗުން އަޔަކްސް އަތުން 2-1 ގެ ނަތީކާއަކުން މޮޅުވެފައެވެ. އަދި ރަށުން ބޭރުގައި ކުޅުނު މެޗުން ވިޔަރެއާލް މޮޅުވީ ޑީނަމޯ ޒެގްރެބް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ޔޫރޮޕާ ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް ބުރާސްފަތި ދުވަހުގެރޭ ކުޅުނުއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.