ބުރާސްފަތި ދުވަހު މުޅި ރާއްޖެއިން 113 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު އިރު އޮއްސި ހަޔަކާ ބުރާސްފަތި ދުވަހު އިރު އޮއްސި ހަޔަކާ ދެމެދު ނެގި 2،950 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 113 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 56 މީހުންނެވެ. އަދި އަތޮޅުތެރެއިން 46 މީހަކު ޕޮޒިޓިވްވި އިރު ރިސޯޓުތަކުން ވެސް 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،304ށް އަރާފައެވެ. އޭގެ ތެރެއިން 22،166 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 3،062 މީހުންނަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 85 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އަދި ރާއްޖެއިން މިހާތަނަށް މި ބަލީގައި 67 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް-19ގެ ތިން ވަނަ ރާޅަކަށް ފަހު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުތައް މަދުވާން ފަށާފައިވީ ނަމަވެސް ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތަކުގެ ޖުމްލަ އަދަދަކަށް މާބޮޑު ބަދަލެއް ނާދެއެވެ. މާލެ ސަރަހައްދުން ކޭސްތައް މަދުވި ނަމަވެސް އަތޮޅުތެރެއިން ބޮޑެތި ކްލަސްޓަރތަކެއް ފެނިފައިވާތީ އަތޮޅުތެރެއިން އަންނަނީ ކޮންމެ ދުވަހަކު ވެސް ގިނަ ކޭސްތަކެއް ރިޕޯޓުކުރަމުންނެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ކޭސްތައް ގިނަވުމާ ގުޅިގެން މާލެ ސަރަހައްދުގައި ހަރުކާސި ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެކަމަކު ކޭސްތަކުގެ އަދަދުތައް މަދުވުމާ ގުޅިގެން އަނެއްކާ ވެސް ވަނި ފިޔަވަޅުތަކަށް ލުއި ދީފައެވެ.