ހޭންޑްބޯލް މޯލްޑިވްސް އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފިއެވެ.
މާފަންނު ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އާއި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް ރައްޒާގް އިބްރާހީމާއި ނެސްލޭ މައިލޯގެ މާކެޓިންގ އެގްޒެކްޓިވް މަހިންދަ ވިތަނަގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ މެމްބަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ.
ސާދަ ސްކޫލަކުން ޖުމްލަ 915 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ 12 އަހަރުންދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ.
މި މުބާރާތުގެ 12 އަހަރުންދަށުގެ އުމުރުފުރާގެ މޮޅު ހަތް ކުޅުންތެރިން ހޮވާފައި ނުވާއިރު، އެ އުމުރުފުރާގެ ކޮންމެ ކުޅުންތެރިއަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ގިފްޓް ޕްލާކެއް ހަވާލުކޮށްފައެވެ.
މީގެ އިތުރުން 14 އަހަރުންދަށުގެ އަންހެން ކުދިންގެ ބައިން ވިލިމާލޭ މުހްޔިއްދީން ސްކޫލް ޗެމްޕިއަންކަން ހޯދި އިރު، މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ.
މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ދަރުމަވަންތަ ސްކޫލުގެ މުހައްމަދު އަބާން އިމްރާނާއި، ތާޖުއްދީން ސްކޫލުގެ ޝިއުސް ފަރީދާއި، މުހައްމަދު އަމާން އަހުމަދު ޝިޔާމާއި، އަލީ މާއިން މައުމޫންގެ އިތުރުން އިސްކަންދަރު ސްކޫލުގެ މުހައްމަދު ނައުޝާން ހުސައިނާއި ކަލާފާނު ސްކޫލުގެ މުހައްމަދު ރީޝާން ރަޝީދު އަދި އަމީނިއްޔާ ސްކޫލުގެ ރާއިދު ރަޝީދެވެ.
14 އަހަރުންދަށުގެ އުމުރުފުރާގެ އަންހެން ކުދިންގެ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ތާޖުއްދީން ސްކޫލުގެ އައިމިނަތު މައިހާ ޝިހާމް އާއި، މާފުށީ ސްކޫލުގެ އައިޝަތު ހަމްޒާ ނިޔާޒާއި ގިޔާސުއްދީން އިންޓަރ ސްކޫލުގެ ޝައިނާ މުހައްމަދު ޝައިނީ އާއި މުހްޔިއްދީން ސްކޫލުގެ އައިޝަތު ނާޝްމީ އަލީ އާއި އިއުފާ އަފީފާއި ގާޒީ ސްކޫލުގެ އައިޝަތު ޝަޒްލީނާ އަދި ރެހެންދި ސްކޫލުގެ މަރިޔަމް ޒިޔާނާ އެވެ.
މި މުބާރާތުގެ 16 އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން ދަރުމަވަންތަ ސްކޫލް ޗެމްޕިއަންކަން ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މާފުށީ ސްކޫލެވެ. މާފުށީ ސްކޫލުން ވަނީ މިއުމުރުފުރާގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދި ފުރަތަމަ ސްކޫލެވެ.
ސޯޅަ އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ދަރުމަވަންތަ ސްކޫލުގެ އިބްރާހިމް އައިމަން އަސްލަމާއި އަހުމަދު މާހީ ނިޒާމާއި އިބްރާހިމް އަޒާން ރަޝީދުގެ އިތުރުން މުހްޔިއްދީން ސްކޫލުގެ އަލީ ވިޝާން އާއި މުހައްމަދު ސަމީހާއި އިސްކަންދަރު ސްކޫލުގެ މުހައްމަދު ޝަނީފާއި ރެހެންދި ސްކޫލުގެ މުހައްމަދު މީޝަމް އެވެ.
މީގެ އިތުރުން މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ތާޖުއްދީން ސްކޫލުގެ ހައްވާ ސުލައިމާނާއި ފާތުމަތު އަނާން ނާޝިދާއި ހަމްދާ ހަސަން އިބްރާހިމްގެ އިތުރުން މާފުށީ ސްކޫލުގެ އައިޝަތު ރަފާ ޒަރީރާއި ރޫނާ އިބްރާހިމާއި އާމިނަތު ފައިހާގެ އިތުރުން ހިރިޔާ ސްކޫލުގެ އާމިނަތު ހިބާ ފައިސަލެވެ.