"ޗިއަރިން-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޮވިޑް-19 އެކްޓިވިޓީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ އިއުލާނުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާއި ޓްރޮފީ މިނިސްޓްރީ އޮފް އެޑިޔުކެޝަނާ ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ޖަޕެނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ޖައިކާ އެލަމްނައި ސޮސައިޓީ އޮފް މޯލްޑިވްސް (ޖޭއޭއެސްއެމް) ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި މި މުބާރާތަކީ ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލި އިރު ހިތްވަރު އާކޮށްދީ އަދި ކޮވިޑް ފަދަ ބަލިމަޑުކަމަކުން ސަލާމަތްވުމުގައި އާއްމު ސާފުތާހިރުކަމަށް ހިއްވަރުދީ ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ކުރެހުމުގެ މުބާރާތެކެވެ.
ކީސްޓޭޖް 1 އަދި 2ށް މުބާރާތް ޚާއްސާކޮށްފައިވަނީ 'ހައިޖީން އެވެއާނަސް' މި ސުރުޚީއެވެ. އަދި ކީސްޓޭޖް 3،4 އަށް ޚާއްސަކޮށްފައިވާ ސުރުޚީ އަކީ 'ބިޔޯންޑް ކޮވިޑް-19، ބިލްޑް ބެކް ބެޓަރ' މި ސުރުޚީއެވެ. ޖައިކާ އަކީ ރާއްޖޭގެ ސްކޫލްތަކަށް ވޮލަންޓިއަރުން ފޮނުވައިގެން ޕީ.އީ މާއްދާ ކިޔަވައިދިނުމުގައި ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭ ޖަމާއަތަކަށްވާތީއާއި ޖައިކާ އިން ހުޅުވާލި މި ޕްރޮގްރާމްގައި ދެވަނަ ހަރަކާތަކަށް ކުރިޔަށް ގެންދިޔައީ 'އެންޖޯއިން އެކްސަސައިޒް' މި ސުރުޚީގެ ދަށުން ރާއްޖޭގެ ސްކޫލް ތަކުގައި ޕީ.އީ ކުރިޔަށް ގެންދެވޭގޮތް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ތައްޔާރުކޮށް ހުށަހެޅުމެވެ.
މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަހުމަދެވެ. އިނާމުތައް އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މރ. ކަވަސާކީ މިޓްސުޔާޝީ އެވެ.
ކުރެހުމުގެ މުބާރާތުން 1 ވަނައަށް ހޮވިފައިވާ ދަރިވަރުން
ކީސްޓޭޖް 1ން - ސީނު މަރަދޫ ސްކޫލް ގެ ގްރޭޑް 2 ގެ ދަރިވަރު އާމިނަތު އެލީނާ މުހައިމިން
ކީސްޓޭޖް 2ން - ބ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރު ފާތިމަތު ސާޔާ ހަސަން ސިމްރާހު
ކީސްޓޭޖް 3ން - ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް ޒާޔަން ހުސައިން އަލީ
ޕީ.އީ ވީޑިއޯ ކޮމްޕެޓިޝަން ގެ 1 ވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. 2 ވަނަ ގދ. ތިނަދޫ އަބޫބަކުރު ސްކޫލު ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ އަމީނިއްޔާ ސްކޫލެވެ.
ކުރެހުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކޮންމެ ކީސްޓޭޖަކުން ވެސް އެންމެ ފާހަގަކޮށްލެވުނު ކުރެހުންތަކަށް ސެޓްފިކެޓް ދިނުމަށް ޖައިކާއިން ނިންމާފައިވެއެވެ. ޕީ.އީ ވީޑިއޯ މުބާރާތުން ވަނަތައް ހާސިލްކުރި ސްކޫތަކަށް ޕީ.އީ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރުމަށް އެހީތެރިވެދޭ އައިޓަމްތައް ޖައިކާގެ ފަރާތުން އިނާމުގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
ޖައިކާއިން އެޑިޔުކޭޝަން މިނިސްޓްރީ އަށް ތަފާތު ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުން ދާތީ އެކަން ފާހަގަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވަނީ ޖައިކާއަށާއި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ހަރަކާތްތައް ސްކޫލް ދަރިވަރުންގެ މެދުގައި ކުރިޔަށް އޮތްތާގައި ވެސް ޖައިކާގެ ފަރާތުން ކުރިޔަށް ގެންގޮސް ދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.