ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 22:26
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ބުދަ ދުވަހު 138 މީހުން ކޮވިޑަށް ޕޮޒިޓިވް
ބުދަ ދުވަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25،191ށް ވަނީ އަރާފައި

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 138 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަންގާރަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 4،034 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 138 މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 84 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން 44 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ރިސޯޓުތަކުން 6 މީހުންނާއި، ސިނާއީ މަސައްކަތްކުރާ ރަށްތަކުން 4 މީހުން ޕޮޒިޓިވްވެފައިވެއެވެ.

އިތުރު 138 މީހުން ބައްޔަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25،191ށް ވަނީ އަރާފައެވެ. 3،101 އެކްޓިވް ކޭސް ރިޕޯޓްކޮށްފައިވާއިރު، 88 މީހުނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި 67 މީހުން ރާއްޖެއިން ނިޔާވެފައިވާއިރު، 22.014 މީހުން ބަލިން ވަނީ ފަސޭހަވެފައެވެ.

ކޮވިޑް-19ގެ ތިން ރާޅާ ދިވެހިން ކުރިމަތިލާފައިވާއިރު މި ފަހުން މާލެ ސަރަހައްދުން ކޭސްތައް ވަރަށް ބޮޑަށް މައްޗަށްގޮސް ފިޔަވަޅުތައްވެސް ހަރުކަށި ކުރިއެވެ. ކޭސްތައް މަދުވާން ފެށުމުން ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޭސްތަކުގެ ޖުމްލަ އަދަދަކަށް ބަދަލެެއް ނާދެވެ. އެއީ އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާތީ އެވެ.

އެގޮތުން އަތޮޅުތެރޭގައި ބޮޑު ދެތިން ކްލަސްޓަރއެއް އުޅޭއިރު ކ. އަތޮޅާއި ޅ. އަތޮޅު އަދި ރ. އަތޮޅުގައިވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

- ކޮމެންޓް