ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ބަލިކޮށް އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރަށް ރާއްޖޭގެ ކުލަބު އީގަލްސް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިމްޕޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މުޙައްމަދު ނާއިމް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފުގައި އީގަލްސްއަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ހާފުގައި އެ ޓީމަށް ނުރައްކާތެރި އިތުރު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، 66 ވަނަ މިނެޓުގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ތިމްޕޫގެ ގޯލްކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ތިމްޕޫގެ ޔެޝީ ދޯޖީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ، އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ތޯހާ މަތަކުރިއިރު، އޭގެ ފަހުން ތިމްޕޫގެ ދަވާ ޝެރިން ނެގި ކޯނަރެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި އީގަލްސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިމެވެ.
ތިމްޕޫ ބަލިކޮށް ޕްރިލިމިނަރީ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރިއިރު، ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް އޭއެފްސީން ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ޕްރިލިމިނަރީ ދެވަނަ ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.
ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.