ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކަޑިޒް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން، ވެލެންސިއާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު މޮކްތާރު ޑަޔަހަބީއަށް ނަސްލީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ކަޑިޒް އަތުން 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިވި މެޗުގެ ފުރަތަމަ ހާފުގައި، ޑަޔަހަބީއަށް ކަޑިޒުގެ ހުއާން ކާލާ ނަސްލީ ފުރައްސާރަކުރުމުން، ވެލެންސިއާ ޓީމު ވަނީ ދަނޑުން ފައިބާފައެވެ. އަދި އޭގެ ކުރިން ޑަޔަހަބީ ވަނީ މި މައްސަލައިގައި ރެފުރީއާވެސް ވާހަކަދައްކާފައެވެ. އެކަމަކު ނަސްލީ ފުރައްސާރަކުރި މައްސަލައިގައި ވެލެންސިއާ މުޅި ޓީމު ދަނޑުން ފޭބިއިރު، އޭރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ނަމަވެސް އޭގެ ފަހުން ވެލެންސިއާ ޓީމު އަލުން ދަނޑަށް ނުކުތްއިރު، ރިޕޯޓުތައް ބުނާ ގޮތުން އަލުން ދަނޑަށް ނުކުންނަން ކުޅުންތެރިންގެ ކިބައިން އެދުނީ ޑަޔަހަބީއެވެ. އަދި އެގޮތަށް ޑަޔަހަބީ ނިންމީ މެޗު ފުރިހަމަ ނުކޮށްފިނަމަ، ޕޮއިންޓް އުނިކުރުމުގެ ފުރުޞަތު އޮތުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މި މެޗުގައި އޭނާ އިތުރަށް ކުޅެން ބޭނުން ނުވާތީ، ޑަޔަހަބީ ވަނީ ބަދަލުކޮށްފައެވެ.
މި މައްސަލައިގައި ވެލެންސިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ދާދި ފަހުން ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ޓެބާސް ވިދާޅުވީ އެ މެޗުގެ ވީޑިއޯ އާއި ފޮޓޯތަކުގެ އެހީގައި، މެޗުގައި ހިނގައިދިޔަ ހާދިސާ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު، ކާލާ ބޭނުންކުރި ކަމަށް ތުހުމަތުކުރާ ބަސްތައް މެޗުގެ ރެފުރީއަށް އިވިފައިނުވާ ކަމަށާއި، އެ ބަސްތައް ރެފުރީއަށް އިވުންނަމަ، މެޗު ވަގުތުން ހުއްޓާލަން ރެފުރީ ނިންމާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށްވެސް ޓެބާސް ވަނީ ވިދާޅުވެފައެވެ.
ޓެބާސް މިހެން ވިދާޅުވިއިރު، މެޗު ރިޕޯޓުގައި ރެފުރީ ވަނީ ކާލާ ބޭނުންކުރި ކަމަށް ތުހުމަތުކުރާ ބަސްތައްވެސް ހިމަނާފައެވެ. އެހެންކަމުން މި މައްސަލަ ކާލާއަށް ސާބިތުވެއްޖެނަމަ، އޭނާއަށް ބޮޑު އަދަބެއް އައުން އެކަށީގެންވެއެވެ. އެކަމަކު އެ މެޗަށްފަހު ދިން އިންޓަވިއުގައި ކަޑިޒްގެ ކޯޗު އަލްވާރޯ ސެރްވޭރާ ވަނީ ޑަޔަހަބީއަށް ކާލާ ނަސްލީ ފުރައްސާރަނުކުރާ ކަމަށް ބުނެފައެވެ.