މުޅި ރާއްޖެއިން ކޮވިޑް-19ގެ 125 ކޭސް މިދިޔަ 24 ގަޑިއިރު ފެނިފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24ގަޑިއިރުތެރޭ ނެގި 3،237 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 125 ކޭސްއެވެ. އޭގެ ތެރެއިން 64 ކޭސްއަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ކޭސްތަކެވެ. އަތޮޅުތެރެއިން 46 ކޭސް ރިޕޯޓްކޮށްފައިވާއިރު 14 ކޭސް ރިސޯޓުތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 24،908ށް އަރާފައެވެ. އަދި 21،773 މީހުން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 3،059 މީހަކަށެވެ. އޭގެ ތެރެއިން 90 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. އަދި މި ބަލީގައި 67 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.
ކޮވިޑް-19ގެ ތިން ރާޅާ ދިވެހިން ކުރިމަތިލާފައިވާއިރު މި ފަހުން މާލެ ސަރަހައްދުން ކޭސްތައް ވަރަށް ބޮޑަށް މައްޗަށްގޮސް ފިޔަވަޅުތައްވެސް ހަރުކަށި ކުރިއެވެ. ކޭސްތައް މަދުވާން ފެށުމުން ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޭސްތަކުގެ ޖުމްލަ އަދަދަކަށް ބަދަލެެއް ނާދެވެ. އެއީ އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާތީ އެވެ.
އެގޮތުން އަތޮޅުތެރޭގައި ބޮޑު ދެތިން ކްލަސްޓަރއެއް އުޅޭއިރު ކ. އަތޮޅާއި ޅ. އަތޮޅު އަދި ރ. އަތޮޅުގައިވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.