ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުން އަންނަ އާދީއްްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ބުނީ، ފާއިތުވި އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވެނޭ އިންތިޒާމު، ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހަމަޖެހިފައިވާ ކަމަށެވެ.
ޑީޖޭއޭއިން ބުނީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގަ އެވެ. އަދި މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގަ އެވެ.
ޑީޖޭއޭއިން ބުނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވަހު ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިންމު މައުލޫމާތު ދޭން ޖެހެއެވެ. ހިޖުރީ ކަލަންޑަރުގައި ގުނާ ހަނދުމަހެއްގެ ދިގުމިނަކީ 29 ނުވަތަ 30 ދުވަހެވެ.ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13 ވަނަ ދުވަހެވެ.