ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 13:20
 ހޯމް މިނިސްޓަރ އިމްރާން އަބްދުالله
ހޯމް މިނިސްޓަރ އިމްރާން އަބްދުالله
ހޯމް މިނިސްޓްރީ
ދިވެހި ފުލުހުންގެ ޚިދުމަތް
ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ހަދަނީ
 
ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށުމަކީ މުއައްސަސާއަށާއި ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއް
 
އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެ

ކުރިއަށްއޮތް މަދު ދުވަސްތަކުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ހެދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އދ.އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެކަމަށެވެ. އެލްޖީއޭއާއި ކައުންސިލްތަކާއި ފުލުހުންނާއެކުގައި މަޝްވަރާ ކުރެވި, އުފެދިގެންދާ ގަވާއިދުތަކަކީ އަމާން ވެއްޓަކަށް މަގުފަހިކުރުމަށް އެންމެ މުހިއްމު އެއްކަންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އާގާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެއީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. މި ޚިދުމަތް ފުޅާކުރުމަށްޓަކައި މިއެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އަމާޒެއް ދެއްވާފަ. ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަކީ ވަރަށްބޮޑު ޒިންމާއެއް, ވަރަށް ބުރަ މަސައްކަތެއް. މި މަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި
ހޯމް މިނިސްޓަރ އިމްރާން އަބްދުالله

އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ހަގީގަތުގައިވެސް ވަރަށް އަމާން ސުލްހަވެރި ވެއްޓެއްގެ ގޮތުގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ދާދިފަހުން އަންނަންފެށި ބައެއް ބަދަލުތަކާއެކު ޚާއްސަކޮށް މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދިގެންދާ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ.

އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާ ގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ސުލްހަވެރި ވެއްޓަކަށް ހެދުމަށްޓަކައި ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް