ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 12:57
 ހޯމް މިނިސްޓަރ ޢިމްރާން އަބްދުالله
ހޯމް މިނިސްޓަރ ޢިމްރާން އަބްދުالله
ހޯމް މިނިސްޓްރީ
އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށުން
"އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އަސާސަކީ މުޖުތަމައު އެކަތިގަނޑަކަށް ހެދުން"
 
އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި އިގްތިސާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއް
 
ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ

އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އަސާސަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މަތިވެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ޚިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުން ކަމަށެވެ. ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ, އެ ނައްތާލުމަށްޓަކައި މަސައްކަތް ކުރުމަކީ މި ނިޒާމުގެ ބޭނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެދިމާއަށް ކުރެވޭ ދަތުރުގައި ކައުންސިލާއި, ސްކޫލާއި, ހެލްތް ސެންޓަރާއި, ރަށުގެ އެހެން މުއައްސަސާތަކާއި ފުލުހުން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިކަމާއި, ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވެގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި, އިގްތިސާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުރިހަމަ އަމާން ރައްކާތެރި މުޖުތަމައެއް ކަމަށް ބެލެވެނީ އެމުޖުތަމައުގެ ކޮންމެ މީހަކީ ފުލުހަކަށް ވެގެން. މާނައަކީ ކުށަކަށް އަރައިގަތުމަށް ނުވަތަ ކުށެއް އުފެދުމަށް މުޖުތަމައުގައި ޖާގަ ނެތޭ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ތާރީޚު. އަޅުގަނޑުމެންގެ ރަށްތައް އުފެދިފައި އޮތްގޮތް, އަޅުގަނޑުމެން ކުރަމުން އައި ދަތުރު.
ހޯމް މިނިސްޓަރ އިމްރާން އަބްދުالله

މިއަދު ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު, ބަވަނަވެފައިވާ ދުނިޔޭގައި ދަތުރުކުރަމުންދާއިރު އެކި ދިމަދިމާއިން އަންނަ ކަޅުވިލާތަކުގެ ހިތި ވާރޭގެ އަސަރު އަޅުގަނޑުމެންނަށްވެސް އެކިގޮތްގޮތަށް ފޯރާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ސާޅީހަކަށް އަހަރު ކުރިން ކުދި ރަށްރަށުގައި ނުދަންނަ މަސްތުވާތަކެތީގެ ބާވަތްތައް ފެތުރި ނުރަނގަޅު އަސަރުކޮށްފައިވާކަމަށެވެ. ކުދި ކުދި ވައްކަމާއި, މާރާމާރީއާއި އެނޫންވެސް, ކުށްތައް ފެށިގެން އައިސް ފުލުހުންގެ ފަރާތުން ދެވޭ ޚިދުމަތް އާއުސްމިނަކަށް ދަތުރުކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތް މިއަދު އަރިއަތޮޅު އުތުރުބުރީގައި ފެށި, އެ ޚިދުމަތް ތައާރަފްކުރެވި, މުޅި ކޮމިއުނިޓީއާއެކުގައި ޚިދުމަތް ދެވެން ފެށުމުން އެއީ ހުރިހާ މައްސަލަތަކަށް ބޮޑު ފަރުވާއެއް ގެނެސްދޭނެ އުޖާލާ އަލިކަމަކަށް މަގުދައްކައިދޭނެ ގޮތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް